15 Aug 2013, 22:06
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކޮށް، އެ މަގާމަށް ފާތުމަތު ރީނީ އަބްދުއްސައްތާރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް އެކަން އެގޮތަށް ނުކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނަށް އެނގިވަޑައިނުގެން ނެރެފައިވާ އަމުރެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ރީނީ އަބްދުއްސައްތާރު ހަމަޖެއްސުމަށް ނިންމި ނިންމުމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ނަމުގައި މިރޭ ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ސުޕްރީމް ކޯޓުގެ ނަމުގައި ނެރެފައިވާ އަމުރަކީ އެ ކޯޓުގެ އެންމެ އިސް ފަނޑިޔާރު ކަމަށްވާ އަހްމަދު ފާއިޒް ހުސައިންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެނގިވަޑައިނުގެން ނެރެފައިވާ އަމުރެއް ކަމަށެވެ.
"މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ނެރެފައިވާ އަމުރަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެއްވެސް ވަރަކަށް އެނގުމެއް ނެތި އެފަދަ އަމުރުތައް ސުޕްރީމް ކޯޓުގެ ނަމުގައި ނެރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖާއާއި އުސޫލުތަކާއި ހިލާފަށް ހަމައެކަނި އެއަމުރުގައި ސޮއިކުރައްވާފައިވާ ފަނޑިޔާރުން ނެރުއްވާފައިވާ އެއްޗެއް،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން މިއަމުރު ނެރުނުކަން އެނގިވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
މިއަދު މެންދުރު ފަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ނެރެފައި ވަނީ ރީނީ ސީއެސްސީގެ މެމްބަރުކަމުގެ ހުވާކުރެއްވުމުގެ ކަންކަން 2:30 އަށް ހަމަޖައްސައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ތައްޔާރުވެފައި ވަނިކޮށެވެ.