15 Aug 2013, 20:47
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއި ދިވެހި ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ހޮވާލެވުނު ޑީޑީއެލް ފޮރިން-XI ކުޅުނު އެކުވެރިކަމުގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 8-7 އިން ގައުމީ ޓީމް މޮޅުވެއްޖެ އެވެ.
ގައުމީ ޓީމަށް ފައިސާ ހޯދުމުގެ ގޮތުން ޓިކެޓް ގަނެގެން ކުޅިބަލަން ދަނޑަށް ވަދެވޭގޮތަށް އެފްއޭއެމްއިން އިންތިޒާމްކުރި މެޗުގެ ބިދޭސީ ޓީމުގެ ކޯޗަކީ ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ވެލިޒާ ޕޮޕޯފް އެވެ.
މެޗުގައި ފުރަމަ ލަނޑު ޖަހައި ކުރިހޯދީ ބިދޭސީ ކުޅުންތެރިންގެ ޓީމުންނެވެ. މެޗުގެ 23 ވަނަ މިނިޓުގައި އެޓީމަށް ލަނޑު ޖަހައި ދިނީ، އަވިލޯ ނަގައިދިން ރީތި ހުރަހެއް ބޮލުންޖަހައި ގައުމީ ޓީމުގެ ގޯލްތެރެއަށް ފޮނުވާލައިގެން އޭވައިއެލްގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރޭ އެވެ. އަބޫ ބޯޅަ ފޮނުވާލި އިރު ގޯލްކީޕަރު އިމްރާނު މުހައްމަދު (އިންމަ) ހުރީ އަވިލޯ އަތުން ބޯޅަ ހޯދުމަށް ނުކުމެ ގޯލް އޭރިޔާއިން ބޭރުގަ އެވެ.
ގައުމީ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 33 ވަނަ މިނިޓްގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އަލީ ފާސިރު (ސެންޓޭ) އެވެ. 39 ވަނަ މިނިޓުގައި ބިދޭސީ ޓީމުގެ ޕެންލްޓީ އޭރިޔާ ބޭރުން ގައުމީ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރު ފޮނުވާލި ބާރު ހަމަލާ ކީޕަރު ލެވެންޓް ވަންލީ ވަނީ ދިފާއު ކޮށްފަ އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓުގައި ގައުމީ ޓީމުގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ބިދޭސީ ޓީމްގެ ގޯލް އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަހެއް ގޯލް ތެރެއަށް ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް ހަސަން އަދުހަމް (ސަޑޭ) ބޮލުންޖެހި ބޯޅަ ދިޔައީ ބޭރަށެވެ. އަދި އޭގެ މިނިޓެއް ފަހުން ބިދޭސީ ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ބިދޭސީޓީމަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޔޫސުފް ނޫރުދީން، ގައުމީ ޓީމުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަސް، ޔާވޯ ބޮރިސޯފް ގޯލަށް ޖަހަން މަސައްކަތްކުރި ވަގުތު ގައުމީ ޓީމްގެ ބަދަލު ކީޕަރު މުހައްމަދު އިމްރާން (އިމްރާން) ވަނީ މަތަކޮށްފަ އެވެ. ތިންމިނިޓުފަހުން ގައުމީ ޓީމުގެ ޕެނަލްޓީ އޭރިޔާ ބޭރުން ވިކްޓާ ބްރެނިމިރޯފް "އޯވަހެޑެއް" ޖަހައިގެން ފޮނުވާލި ހަމަލާވެސް ކީޕަރު އިމްރާން އަތުން ޖަހައި ބޭރަށް ފޮނުވާލި އެވެ.
ޕޮޕޯފްގެ ޓީމަށް މެޗުގެ ނަތީޖާ ބަދަލުކޮށްލަން މެޗުގެ ފަހު މިނިޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ގޯލް އޭރިޔާ ތެރޭގައި ހުރެ ޔާވޯ ބޮރިސޯފް ފޮނުވާލި ބޯޅަވަނީ ބޭނުން ނުކުރެވި ބޭކާރު ވެފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ގައުމީ ޓީމަށްވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބިދޭސީ ޓީމުގެ ގޯލް އޭރިޔާތެރެއަށް ބޮކުރީ ނަގައިދިން ރީތި ހުރަސް، އަހްމަދު ނާޝިދު (ނާއްޓެ) އަތުން ބޭކާރުވީ އެވެ.
މިއަދުގެ މެޗުގައި ގައުމީ ޓީމުން ޕެނަލްޓީ ޖެހި ކުޅުންތެރިންގެ ތެރެއިން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އަހުމަދު އަބުދުﷲ (ލިލީ) އަށެވެ. ލިލީ ޖެހި ޕެނަލްޓީ ބިދޭސީ ޓީމުގެ ޒުވާން ގޯލް ކީޕަރު އިބްރާހިމް ލަބާން ޝަރީފް ދިފާއު ކުރީ އެވެ. ބިދޭސީ ޓީމުގެ އެމެނުއަލް ކަލޫ ޖެހި ޕެނަލްޓީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު އެ ޓީމުގެ މަންޒޫރު ޖެހި ޕެނަލްޓީ ގޯލްކީޕަރު އިބްރާހީމް އިފްރާހް އަރީފް މަތަކުރީ އެވެ.
ގައުމީ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ، ސަޑޭ، ބޮކުރީ، އަހުމަދު ނިޔާޒް (ނިޔާ)، އަލީ އުމަރު، މޫސާ ޔާމިން، އަހްމަދު ރަޝީދު (އައްމަޑޭ)، އަދި އަހްމަދު އިމާޒް (އާއްކޮ) އެވެ. ޕޮޕޯފްގެ ޓީމުން ޕެނަލްޓީތައް ކާޔާބުކުރީ، ބޮރިސޯފް، ޒިފްކޯ، ވިކްޓާ، ނާވީ މުހައްމަދު އަދި ރުމެން އެވެ.
މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނީ ދެޓީމުގެ ކުޅުންވެސް ވަރަށް ރަނގަޅު ކަމަށާއި، ގައުމީ ޓީމަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ޓީމުގެ މެދުތެރެއިން ނުކުޅެވުން ކަމަށެވެ.
ބިދޭސީ ކުޅުންތެރިންގެ ކޯޗު ޕޮޕޯފް ބުނީ ދެޓީމުގެ ކުޅުންތެރިންވެސް މެޗު އެހާ ސީރިއަށްކޮށް ނުނަގާ ކަމަށާއި އަދި މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގައުމީ ޓީމަށް ރަނގަޅު ހައެއްކަ ފުރުސަތު ލިބުނު ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން އިތުރު ތަމްރީންތައް ހޯދުމަށް ތައިލެންޑްގައި ކޭމްޕު ކުރުމަށް ގައުމީ ޓިމް ފުރުމަށް ހަމަޖެހިފައިވަނީ، މާދަމާ ހެނދުނު އެވެ.