15 Aug 2013, 19:46
ސިފައިންނަށާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުޅުމާލޭގައި އެޅި 50 ފްލެޓް އެެ ތަންތަން ލިބުނު ފަރާތްތަކާ ހަވާލުކޮށްފި އެވެ.
ކަޅުތުއްކަލާ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންނާއި ފްލެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުހައްމަދު ނާޒިމް ވިދާޅުވީ ސިފައިންނަކީ ވަރަށް މަތިވެރި ހުވައެއް ކޮށް، އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކޮށްގެން، 24 ގަޑިއިރު ގައުމީ ހިދުމަތުގައި ދެމިތިބޭ ބައެއް ކަމަށެވެ. އެގޮތުން ސިފައިންގެ ވެލްފެއާ ކަންތައްތަކަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓްތަށް ދޫކުރުމުގައި ވީހާވެސް އިންސާފުވެރިކޮށް އެކަން ގެންދިއުމަށް ހާއްސަ ކޮމެޓީއެއް ނަގައި ފްލެޓަށް ފޯމް ހުށައެޅުއްވި ހުރިހާ ފަރާތްތަކާއި އިންޓަވިއު ކުރެވުނު ކަމަށެވެ. އަދި އެކަން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް "ޓްރާސްޕޭރަންޓް" ގޮތެއްގައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިފައިންނަށް ހާއްސަ ކުރެވިގެން ހުޅުމާލޭަގައި 300 ފްލެޓު އެޅުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށައި، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. މިނިސްޓަރު އެހެން ވިދާޅުވެފައިވާރު އިރު ފުލުހުންނަށް ވެސް ހުޅުމާލޭގައި 300 ފްލެޓު އެޅުމުގެ މަޝްރޫއެއް ދަނީ ކުރަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުން ގިނަ ބަޔަކު އެކަމާއި ސުވާލު އުފައްދާ ކަމަށެވެ.
"ބައެއް ބޭފުޅުން ދެކެވަޑައިގަންފާނެ ސިފައިންނަށް ހާއްސަކޮށް ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރުން ވާހަކަދައްކަނީ ކީއްވެގެން ހޭ. އަޅުނގަޑު ހީކުރީ އެއީ ވަރަށް 'އޮބްވިއަސް' ޖަވާބެއް އޮތް ކަމެއް ކަމަށް. ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ސިފައިންނަށްވެސް ލިބެންޖެހޭ. ސިފައިންގެ އާއިލާތަކަށްވެސް ލިބެންޖެހޭ. އޭގެ ތެރެއިން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ދިމާވި ކޮންމެ ނުރައްކަލަކަށް ކުރިމަތިލާ އެބައެއްގެ ފުރާނަ ދުއްވާލުމަށް ތައްޔާރުވެ، އެކަމަށް ވައުދުވެ ތިބޭ ބަޔަކު ސިފައިންނޫނީ ނުތިބޭނެ. އެހެން ވެގެން ސިފައިން ހާއްސަ ވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތާނގައި ދެއަހަރުން އެއް އަހަރު ނަމަވެސް ނުވަތަ އެއަށްވުރެ އަވަސްކޮށްވެސް ތަކުރާރުކޮށް ރޭވިގެން ސިފައިންގެ އާއިލާތަކަށް ބޯހިޔާ ވަހިކަން ހޯދައިދިނުމަށްޓަކައި މި މަޝްރޫއުތަށް ހިންގަމުން ގެންދާނެ ކަމަށެވެ.
ސިފައިންނަށް މިއަދު 50 ފްލެޓް ދޫކޮށްފައިވާއިރު މިމަހުގެ ކުރީ ކޮޅު ފުލުހުންނަށް ވެސް ވަނީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެއިން 50 ފްލެޓް ދޫކޮށްފަ އެވެ.