15 Aug 2013, 17:14
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި 10 ސަރަހައްދެއްގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ބޭފުޅުން ހަރަކާތް ތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރްސީމްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ ރާއްޖޭގެ 10 ސަރަހައްދެއްގައި ކޮމިޝަންގެ ޓީމުތައް ހަރަކާތްތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަންގެ އިތުރުން ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އިންތިހާބުގައި އެޗްއާރްސީއެމުން ހަރަކާތްތެރިވާ ސަރަހައްދުތައް އެ ކޮމިޝަނަކުން މިއަދު ހާމައެއް ނުކުރެ އެވެ.
އިލެކްޝަންސްގެ މަޝްވަރާގެ މަތިން އެޗްއާރްސީއެމްގެ ޓީމުތައް ހަރަކާތްތެރިވާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އިންތިހާބުގައި 60 އަށް ވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަނެ ކަމަށް އަޒްރާ ވިދާޅުވި އެވެ.
އެ ކޮމިޝަނުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ކޮމިޝަނުގެ ޓީމުތައް ނުފޮނުވުނު ނަމަވެސް އާބާދީ ބޮޑު ރަށްތަކުގައި އެ ކޮމިޝަންގެ ފޯނުން ގުޅައިގެން މައުލޫމާތު އޮޅުންފިލުވާ "ފޯން މޮނިޓަރިން ސިސްޓަމެއް" ގާއިމް ކުރާނެ ކަމަށެވެ. އަދި މައްސަލައެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެ ސަރަހައްދަކަށް އެޗްއާރްސީއެމްގެ އޮފިޝަލުން ދާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.