ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިން ހުންނެވި ޕީޓާ ހޯޓަން އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ބޭންކުގެ ސީއީއޯ އެއްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭނެ ފަދަ މަތީ ތައުލީމެއް ބޭންކިންގެ ދާއިރާ އިން ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި ބޭންކިންގެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށާއި ސީނިއާ މެނޭޖްމަންޓްގެ ދާއިރާގައި ފަސް އަހަރު އުޅެފައިވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ނެރުނު އެއިއުލާންގައި ބުނާ ގޮތުން ސީއީއޯއަކަށް އައްޔަންކުރައްވާ ބޭފުޅަކަށް މަގާމުގައި ހުންނެވޭނީ ތިން އަހަރު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މަގާމުގައި މަސައްކަތަށް ބަލާ އަހަރު އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ޕީޓާ ހޯޓަން ދިއުމަށް ނިންމާފައި ވަނީ ބާމިއުޑާ ކޮމާޝަލް ބޭންކްގެ ސީއީއޯއަކަށެވެ. އެގޮތުން ބާމިއުޑާ ނެޝަނަލް އިންވެސްޓްމަންޓްގެ 100 ޕަސެންޓް ހިއްސާވާ ސަބްސިޑިއަރީ ބޭންކުގެ ސީއީއޯއަކަށް ހަމަޖެއްސެވި ޕީޓާ އަންނަ މަހު އެ މަގާމާ ހަވާލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބޭންކުން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ފައިދާއިން 50 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފަ އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު އެ ބޭންކުން ހިއްސާގެ ފައިދާ ބަހާ ފުރަތަމަ ފަހަރެވެ. އަދި އެ ކުރިއެރުމާ ގުޅިގެން މުވައްޒަފުންނަށް ބޯނަސްދޭން ވެސް ނިންމާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ބޭންކުގެ ސާފު ފައިދާގެ ގޮތުގައި 527 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެ ބޭންކުގެ ޖުމްލަ އެސްޓް ވަނީ 9.8 ބިލިއަން ރުފިޔާއިން 12.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.