މާލޭގެ ދެ ކެފޭއެއްގައި ދިރާގުން ފޯޖީގެ އެކްސްޕީރިއަންސް ޒޯން ހިދުމަތް ދޭން ފަށައިފި އެވެ.

ދިރާގުއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު މިރުޝާން ހަސަން ވިދާޅުވި މިއަދުން ފެށިގެން ނަސަންދުރާ އާއި ސީ ހައުސް އިން ދިރާގު ފޯޖީގެ އިންޓަނެޓް ތަޖްރިބާކޮށްލުމުގެ ފުރުސަތު ކޮންމެ ދުވަހަކު ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ހިލޭ ލިބިގެންދާނެ ކަމަށެވެ.

ދިރާގުގެ ޑިރެކްޓާ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ ދިރާގުގެ މަގުސަދަކީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ސަރަހައްދަކަށް ބުރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ކަމަށެވެ. އެގޮތުން ފޯޖީގެ ހިދުމަތަކީ ވެސް އެއިގެތެރެއިން ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ ޓެސްޓް ސިގުނަލްތައް ނިމުމުން ދާއިމީކޮށް ފޯޖީގެ ހިދުމަތް ދޭން ފަށާނެ ކަމަށާއި އެދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ދިރާގުގެ ކަސްޓަމާ ޕްރަންޓް އޮފީސް ސަރަހައްދުން ވެސް ފޯޖީގެ ހިދުމަތް ދިނުމަށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.