15 Aug 2013, 17:02
ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކުރެއްވި ނަމަވެސް އޭނާއާ ބެހޭ ގޮތުން ބަލަމުންދާ ޝަކުވާއަށް އެކަމުގެ އަސަރު ނުފޯރާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ފަނޑިޔާރަކު ކުރިން ވަޒީފާ އަދާކުރި ކޯޓުނޫން އެހެންކޯޓަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކާ މެދު ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއެއް ބެލުމަށް ގާނޫނީ ގޮތުން ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަޑިޔާރާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް ފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޖޭއެސްސީން އެފަދަ ބަޔާނެއް ނެރެފައި ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން 2010 ވަނަ އަހަރު ހިންގި ޑިޕްލޮމާ ކޯހެއްގައި ޓެސްޓް ޕޭޕަރު ކޮޕީކުރި މައްސަލައިގައި ރާޣިބުއާ މެދު ފިޔަވަޅު އެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް އޭނާ ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްފައިވާ ކަމަށް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާތީ އެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ ގދ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލު ކުރުމަކީ އެކަމުގެ ސަބަބުން ރާޣިބު އަށް ޕްރޮމޯޝަނެއް އަދި ޑިމޯޝަނެއް ވެސް ލިބިގެންދާނެކަމެއް ނޫން ކަމަށެވެ.