15 Aug 2013, 16:56
މީހުން ދިރިއުޅުމަށް ނުރައްކާތެރިވާ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަން ހޯދައި، އެތަންތަނުން މީހުން ހުސްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފި އެވެ.
މަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނުރައްކާތެރިވާ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަން ވަގުތީ ގޮތުން ނަމަވެސް ހުސްކޮށް، އެތަންތަނުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
"... މިބާވަތުގެ އިތުރު ހާދިސާއެއް މެދުވެރި ވިޔަ ނުދިނުމަށް މިދެންނެވި އިމާރާތާއި، އަދި މިބާވަތުގެ، ދިރިއުޅުމަށް ނުރައްކާތެރިވާ ގޮތަށް ބިނާކޮށް ބޭނުންކޮށް އިމާރާތްތައް ބަލައި ހޯދައި ދެނެގަނެ، ވަގުތީ ގޮތުން އެފަދަ ތަންތަން ހުސްކޮށް، ހުއްދަކުރެވިފައިވާ ފަދައިން ބަދަލުކުރުމަށް އެންގުމަށާއި މިގޮތުން ނުރައްކާތެރި ގޮތެއްގައި ބޭނުންކުރަމުންދާ އިމާރާތްތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، މިބާވަތުގެ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް އިލްތިމާސް ކުރަމެވެ،" މަސީގެ ބަޔާނުގައިވެ އެވެ.
އިމާރާތްކުރުމަށް ހުއްދަކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް މަސައްކަތެއް ނުކުރުމަށް މަސީގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކާއި ރާއްޖޭގެ ހުރިހާ ކޮންޓްރެކްޓަރުންނަށް ބަޔާނުގައި މަސީން ގޮވާލާފައިވެ އެވެ. އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާ ތަންތަނުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މަސީގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މަސީން މިކަމަށް ގޮވާލީ ހ. ފްރީވިންޑް ގޭގެ ބެލްކަނިން އިއްޔެ ކުޑަކުއްޖަކު ވެއްޓި ޒަހަމްވުމުން އެކަމާ ގުޅިގެންނެވެ.
ހެންވޭރު ސަހަރާ ކައިރީގައި ހުންނަ އެގޭގެ ބެލްކަނިން އެ ކުއްޖާ ވެއްޓުނީ ބެލްކަނީގައި ބަހައްޓާފައި ހުރި ކުޑަ މަސްޓޭންކެއްގެ ކައިރީގައި އެކަނި ހުއްޓާ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ.
އެކުއްޖާ ވެއްޓުނު ކަމަށް ބުނާ ގެގޭ ކައިރިއަށް ސަންގެ ނޫސްވެރިން ދިޔައިރު އެ ކުއްޖާ ވެއްޓި ޒަހަމްވުމުގެ ސަަބަބުން އެގޭ މަގުމަތީގައި ލޭ އުނގުޅިފައި ހުރި ތަން ވަނީ ފެންޖަހައިގެން ދޮވެފަ އެވެ.
ރެއިލިން ނުޖަހާ ހުންނަ އެގޭ ފުރަތަމަ ބުރީގެ ބެލްކަންޏަށް ވަރަށް ގިނައިން އެ ކުޑަކުއްޖާ ނުކުމެ އުޅޭތީ އެކަމާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މީގެ ކުރިން ވެސް ކަންބޮޑުވެ އެ ވާހަކަދައްކާ ކަމަށް އެ ސަރަހައްދުގައި ހުރި ދުވަސްވީ އަންހެނަކު ސަންއަށް ކިޔައިދިނެވެ.