ސަރުކާރުން އަޅާ ހައުސިން ޔުނިޓްތަކަށް ކުރާ ހަރަދަށް ބަލާއިރު ކޮންމެ ފްލެޓެއްގެ އަގު މަހަކަށް 20،000 ރުފިޔާ އިން މައްޗަށް އަރާނެ ކަމަށް ޕީޕަލްސް އެލައަންސް (ޕީއޭ) އިން ބުނެފި އެވެ.


ޖުމްހޫރީ ދުވަހު ޕީއޭ އިން ބޭއްވި ނިއުސްކޮންފަރެންސްއެއްގައި ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެކިއެކި މުނާސަބަތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވާ ފްލެޓްތަކުގެ، ފްލެޓެއްގެ އަގު މިލިއަން ރުފިޔާ އަށްވުރެ މަތި ވާނެ ކަމަށާއި އަދި އާންމު މީހާ އަށް ފްލެޓަކަށް މަހަކު ހަރަދު ކުރަން ޖެހޭ ވަރު ވެސް 20000 އަށް ވުރެ މަތިވާނެ ކަމަށެވެ. 


ޝަރީފް ވިދާޅުވީ ގެދޮރަށް ކުރާ ހަރަދު، ސަރުކާރު މުވައްޒަފެއްގެ މުސާރައިގެ 20 ޕަސަންޓަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް ސަރުކާރު މުވައްޒަފުންގެ މުސާރައިގެ 20 ޕަސަންޓަށް 20000 ރުފިޔާ ލިބޭ މީހުންގެ އަދަދު ވަރަށް މަދުވާނެ ކަމަށެވެ.  


"ރައީސްޖުމްހޫރިއްޔާ ވިދާޅުވެފައި އޮތީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ތިމަންނާމެންގެ ސަރުކާރެއްގައި ހޯދައިދޭ ނަމޭ. ސަރުކާރުގެ މުވައްޒަފަކަށް ލިބޭ އާމްދާނީގެ ވިހި ޕަސަންޓު ހަރަދުކޮށް ކަމަށް. މަހަކު ވިހި ހާސް ރުފިޔާ މުސާރަ އަށް ލިބޭ ކިތައް މުވައްޒަފުން އުޅޭތޯ،"


ޕީއޭ އިން ބުނި ގޮތުގައި ސަރުކާރުން މިހާރު އަޅާ ހައުސިން ޔުނިޓެއްގެ އަގު އާންމު ގޮތެއްގައި އުޅެބީ 1.8 މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަގެއްގަ  އެވެ. އެހެންކަމުން 10 އަހަރުން ނުވަތަ 15 އަހަރުން ފްލެޓެއްގެ ކުލި ދައްކައި ނިމޭ އިރު އެވަރެޖް ގޮތެއްގައި މަހަކަށް 20،000 (ވިހި ހާސް) ރުފިޔާ ޖެހޭނެ ކަމަށް ޕީއޭ އިން ބުނެ އެވެ.


މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ހައުސިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.