ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ "ބޮޑު ނެޓްވޯކް"ގެ ވެރިޔާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) އާއި އޭނާގެ ތިން ބައިވެރިއެއްގެ މައްޗަށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލައިފި އެވެ.

ވިޔަފާރިކުރުމަށް މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ސަފާ އާއި އެކު ދައުވާ ކޮށްފައިވާ އޭނާގެ ތިން ބައިވެރީންނަކީ ހ. ގަސްވާ މުހައްމަދު މީއާދު އާއި ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސްގެ އިތުރުން ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމް އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމެވެ.

އެ ހަތަރު މީހުންގެ ތެރެއިން މީއާދު ވަނީ ހ. ފަށަންގެއިން ފުލުހުން ހޯދި ހުރިހާ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެ ދައުވާ އަށް އިއުތިރާފުވެފަ އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ސަފާ އިބްރާހީމް ވިދާޅުވީ އަނަސް އާއި ޝަހީމް ދައުވާ އަށް އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެމީހުންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށެވެ.

ހ. ފަށަންގޭގެ ފުރަތަމަ ފަންގިފިލާއަށް ފުލުހުން ވަތްއިރު އެވަގުތު އެތަނުގައި ތިބީ މީއާދު އާއި އަނަސް އަދި ޝަހީމް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ފުލުހުން ވަތްއިރު ސަފާ އެތަނުގައި ނެތްނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން މަސްތުވާތަކެތި ބަންދުކުރުމުގައި އޭނާ ބައިވެރިވެފައިވާކަން އެނގޭ ކަމަށެވެ.

ފުލުހުން ހ. ފަށަންގޭގެ ފަސް ވަނަ ފަންގިފިލާގެ ކޮޓަރިއަށް ވަތް ކަމުގެ ޚަބަރު މީޑިއާއިން އާންމުކުރަން ފެށުމުން ޝާކިރު ކިޔާ މީހަކަށް ގުޅައި "ފުލުހުން އައުމުގެކުރިން ތިމަންނަ ރައްކާވެއްޖައީމޭ" ސަފާ ބުނެފައިވާ ކަމަށާއި އެކަމުން ވެސް އޭނާ އެ ކޮޓަރިތެރޭގައި އުޅުނުކަން ދޭހަވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މީހަކަށް ފޯނުކުރުމަށްފަހު ސަފާ އެގޮތަށް ބުނާއިރު އެ ކޮޓަރިތެރެއިން ފެނުނު އަންގިއަކުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތީގެ ފުރިހަމަ ޒިންމާ އެ އެންމެން ނަގަންޖެހޭނެ ކަމަށެވެ.

އެ މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތްވަރަށް އެމީހުންގެ މައްޗަށް އެ މައްސަލަ ސާބިތުނުވާމަށެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ވެސް އެމީހުންގެ ދިފާއީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒު ވިދާޅުވީ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.