15 Aug 2013, 15:50
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ގޮނޑި އަށް މަޖިލީހުން ހޮއްވެވި މެންބަރު ފާތިމަތު ރީނީ އައްބުއްސައްތާރު އެ މަގާމަށް އައްޔަން ކުރައްވަން އުޅެނިކޮށް ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުގެ ހުވާ ކުރެއްވުން ހުއްޓުވައިފި އެވެ.
ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނީ ސީއެސްސީގެ މެންބަރު ކަމުގެ ހުވާ ކުރައްވައި، މަގާމުގެ ފަތްކޮޅު ހަވާލުވެވަޑައިގަތުމަށް ރީނީ ރައީސް އޮފީހަށް ވަޑައިގެންނެވި ފަހުންނެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ "ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް" ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ސީއެސްސީ އަށް މެންބަރަކު އައްޔަން ކުރައްވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެކަން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަކުން ރީނީ މަގާމުގެ ހުއްވާ ކުރެއްވުން ހުއްޓުވާފައިވާ އިރު، މަޖިލީހުން ފާސްކޮށްގެން ސީއެސްސީގެ މެންބަރު ކަމުން ވަކިކޮށްފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އިއްޔެއިން ފެށިގެން އޮފީހަކަށް ނުނުކުންނަވަ އެވެ.
ފަހުމީ "ސަން" އަށް މިއަދު ވިދާޅުވީ "ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް" ފަހުން ވިދާޅުވާނެ ކަމާށެވެ. އޮފީހަށް ވަޑައިނުގަންނަވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ފަހުމީ ވިދާޅުވީ "ސަލާމް ބުނުމާއި އޮފީހަށް ވަޑައިނުގަތުމަކީ" އޮންނަ ކަމެއް ކަމަށެވެ.