15 Aug 2013, 15:50
އިންޑިއާގެ ޓްރެވިންޑްރަމްގެ މަގެއްގައި ހުރި ސައިކަލެއްގެ މަތީގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ރޭގެ ވަގުތެއްގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ އިންޑިއާގައި އާއިލާއާ އެކު ދިރިއުޅެމުން އަންނަ ހ. މެރަގި، މުހައްމަދު ނިޔާޒު،45، ކަމަށެވެ.
މެޑިކަލް ކޮލެޖް ސަރަހައްދުގެ މަގެއްގެ މަތީގައި އޭނާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އާއްމުންގެ ބަޔަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭނާ ސައިކަލްމަތީގައި އޮއްވާ ފެނިގެން ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެސަރަހައްދަށް ގޮސް އޭނާ ގެންދަނިކޮށް އޭނާގެ އަންހުން އެފިރިހެން މީހާގެ ފޯނަށް ގުޅީ. އެވަގުތު ފުލުހުން އެމީހާ މަރުވެފައިވާ ވާހަކަ ބުނީ. ފިރިމީހާ ގެއްލިގެން އޭނާ ހޯދަން ދެ މީހަކު ފޮނުވި ކަމަށްވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން ފިރިހެން މީހާގެ ހަށިގަނޑު ފޯސްޓްމޯޓަމް ހަދަން ގެންގޮސްފައިވާ ކަމަަށާއި އޭނާ މަރުވި ގޮތެއް ސީދާ ބުނެދޭން އެނގޭނީ ޕޯސްމޯޓަމަށް ފަހު ކަމަށާއި ފޯސްޕޯޓަމްގެ ރިޕޯޓް ލިބޭނީ ހަތް ދުވަސް ފަހުން ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު ދިވެހި ފިރިހެން މީހާގެ ޕާސްޕޯޓް ވެސް އޭނާގެ އަތުގައި ނެތް ކަމަށާއި އޭނާ އިންޑިއާ އަށް ގޮސްފައި ވަނީ ކޮން ބޭނުމެއްގައި ކަން އެނގިފައިނުވާ ކަމަށެވެ. އޭނާ ޓްރެވަލްކޮށްފައި ވަނީ ޕާސްޕޯޓް ހެދުމަށް އިމިގްރޭޝަންގައި ޕާސްޕޯޓް އޮތުމުން އިމިގްރޭޝަނުން ދީފައިވާ ޑޮކިމެންޓެއްގަ އެވެ.
އޮފިޝަލް ވިދާޅުވީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު ވަޅުލުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
"މަރުވި މީހާ އިންޑިއާގައި އުޅޭނީ ވިސާއެއްގައި ކަމެއް ވެސް ނޭނގޭ، އޭނާގެ ޕާސްޕޯޓް ނެތީމަ ވަރަށް އުނދަގޫތަކާ ކުރިމަތިވި. އެހެންމެ އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓް ގެނެސްގެން ވަޅުލުމުގެ ކަންތައްތައް ކުރިއަށް އެގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވަޅުލުމުގެ ކަންތައް މިއަދުގެ މަގުރިބު ނަމާދަށް ފަހު ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.