15 Aug 2013, 15:14
ތިން ކޯޓަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކ. ގާފަރު ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކުރައްވާފައި ވަނީ މާލޭ ދަފްތަރު 2111 އަހްމަދު ޝަރީފް އެވެ. އއ. ފެރިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކުރައްވާފައި ވަނީ އެއަތޮޅު ތޮއްޑޫ ގިރިޓީގޭ މޫސާ ނަސީރު އެވެ. ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކުރައްވާފައި ވަނީ ރ. ހުޅުދުއްފާރު އިލާޒާ މުހައްމަދު ޒާހިދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
ހުވާކުރެއްވުމާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފަ އެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ފެރިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި މޫސާ ނަސީރު އާއި ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި މުހައްމަދު ޒާހިދު މިހާތަނަށް ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމުގަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި އެ ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.