15 Aug 2013, 14:16
ސާކް ސަރަހައްދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް މިފަހަރުގެ މުބާރާތް ބާއްވާ ނޭޕާލްގެ ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ގޯލްނޭޕާލް އިން މޯބައިލް އެޕްލިކޭޝަން އެއް ތައާރަފް ކޮށްފި އެވެ.
މޯބައި ޑިވައިސްތަކަށް ހާއްސަކޮށްގެން ނޭޕާލްގައި ތައާރަފް ކުރެވުނު ފުރަތަމަ ކުޅިވަރު އެޕްލިކޭޝަން ތައާރަފް ކުރުން އޮތީ މިހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެއް ސްޓޭޑިއަމް ކަމަށްވާ ދަސްރަތު ސްޓޭޑިއަމްގަ އެވެ.
އައިފޯނާއިއެންޑްރޮއިޑްފޯންތަކަށްވެސް ބޭނުން ކުރެވޭގޮތަށް ނޭޕާލްގެ ޖަސްޕާ އައިޓީ އައިޓީ ޕްރައިވެޓް ލިމިޓެޑާއި، ގޯލްނޭޕާލް ގުޅިގެން އުފެއްދި އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްދެއްވީ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އޭއެންއެފްއޭ)ގެ ރައީސް ގަނޭޝް ތާޕާ އެވެ.
ގޯލް ނޭޕާލްގެ ސީއީއޯ ބިކްރަމް ތާޕާ ފާހަގަކުރެއްވި ގޮތުގައި ސްމާޓް ފޯނުތަކަށް ހާއްސަކޮށްގެން ނޭޕާލްގައި ނެރުނު ފުރަތަމަ ކުޅިވަރު އެޕްލިކޭޝަން ތައްޔާރު ކުރެވުމަކީ އެ ނޫހަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި ގިނަބަޔަކު ސްމާޓްފޯން ފަދަ މޯބައިލް ޑިވައިސްތައް ބޭނުން ކުރަމުން އަންނަ ދުވަސްވަރެއްގައި ފުޓްބޯޅައިގެ ހަބަރުތައް ކޮންމެ ހިސާބެއްގައި ހުރެގެންވެސް ހޯދައި ލިބިގަތުމުގެ ފުރުސަތު އެންމެނަށްވެސް އޮންނަން ޖެހޭނެ ކަމަށެވެ.
ގޯލްނޭޕާލްގެ މޮބައިލް އެޕުން ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ފަހުގެ ހަބަރު ތަކާއި، ނަތީޖާތައް ފެންނަން ހުންނާނެއެވެ. އަދި ޓީމްތަކާ ބޭހޭ މައުލޫމާތާއި، ލައިވް މެޗް ކޮމެންޓްރީއާއި، މެޗުތަކުގެ ނަތީޖާވެސް ފެންނަން ހުރެއެވެ.
އެ އެޕްލިކޭޝަން މެދުވެރިކޮށް ގޯލްނޭޕާލްގެ އޮންލައިން ރޭޑިއޯ ހިދުމަތް ވެސް ލިބެން ހުންނައިރު އެޕްލިކޭޝަނުން ފެންނަން ހުންނަ ހަބަރުތަކާއި މެޗުތަކުގެ ނަތީޖާތައް ފޭސްބުކް، ޓްވިޓާ އަދި ޔޫޓިއުބްގައި ޝެއާކުރެވޭގޮތަށްވެސް ހަދާފައި ހުރެއެވެ.