ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ތައާރަފް ކުރި ޓާޝަރީ ލޯން ސްކީމުގެ ދަށުން މިއަހަރު 942 ދަރިވަރުންނަށް މަތީ ތައުލީމް ދިއުމުގެ ފުރުސަތު ދީފި އެވެ.

ޓާޝަރީ ލޯން ސްކީމުން މަތީ ތަޢުލީމު ދިއުމުގެ ފުރުސަތު ލިބުނު ދަރަވަރުންނަށް ލިޔުން ހަވާލު ކުރުމަށްޓަކައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ ވިދާޅުވީ ޓާޝަރީ ލޯން ސްކީމުގެ ދަށުން ފުރުސަތު ހުޅުވާލީ 500 ދަރިވަރުންނަށް ކަމަށާއި އެހެން ނަމަވެސް ލޯން ސްކީމަށް އެދި 942 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.

"މިއަހަރު ޓާޝަރީ ލޯން ސްކީމްގެ ދަށުން ހުޅުވާލެވުނީ 500 ފުރުސަތު. ލޯނަށް އެދި ހުށަހަޅާފައި ވަނީ 942 ދަރިވަރުން. ނަމަވެސް ލޯނަށް އެދިފައިވާ ހުރިހައި ދަރިވަރުންނަށް ފުރުސަތު ދޭން އަޅުގަނޑުމެން ނިންމީ. އެއީ ލޯނަށް އެދުނު ހުރިހައި ދަރިވަރުންނަކީ ލޯން ދިނުމުގެ ކުރައިޓީރިއާއަށް ޝަރުތު ފުރިހަމަވާ ދަރިވަރުން ކަމަށް ވާތީ" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މަތީ ތަޢުލީމުގެ ފުރުސަރު ލިބުނު ކުދިންގެ ތެރެއިން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބިފައި ވަނީ 333 ދަރިވަރުންނަށެވެ. އަދި ރާއްޖެއިން ބޭރަށް ދިއުމަށް 609 ދަރިވަރުންނަށް ފުރުސަތު ދީފައިވެ އެވެ.

ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން ޑިޕްލޮމާ އަށް ކިޔެވުމަށް 71 ދަރިވަރަކަށް ފުރުސަތު ދިންއިރު، ރާއްޖޭގައި ތިބެގެން ޑިގްރީ ހާސިލް ކުރުމަށް 234 ދަރިވަރުންނަށް ފުރުސަތު ދިނެވެ. އަދި މާސްޓާޒް ހާސިލް ކުރުމަށް 28 ދަރިވަރުންނަށް ފުރުސަތު ދިނެވެ.

ޓާޝަރީ ލޯން ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ޑިގްރީ ހާސިލް ކުރުމަށް 382 ދަރިވަރުންނަށް ފުރުސަތު ދިންއިރު، މާސްޓާޒް ހާސިލް ކުރުމުގެ ފުރުސަތު 227 ދަރިވަރުންނަށް ފުރުސަތު ދިނެވެ.

އައިމިނަތު އަލީ ވިދާޅުވީ މިދިޔަ އަހަރު ޓާޝަރީ ލޯން ސްކީމުގެ ދަށުން 1000 ދަރިވަރުންނަށް ފުރުސަތު ހުޅުވާލުމުން 540 ދަރިވަރުން ކުރިމަތިލައި އެ ހުރިހައި ކުދިންނަށް ވެސް ފުރުސަތު ދެވުނު ކަމަށެވެ.