ޖެރުސެލަމް (14 އޯގަސްޓް 2013) – ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވޭނެ އަލިމަގެއް ނުފެނި ފަސް ވަރަކަށް އަހަރު ފާއިތުވީފަހުން ދެގައުމުގެ އޮފިޝަލުން ރަސްމީކޮށް ސުލްހައިގެ ވާހަކަތައް ފަށައިފި އެވެ.

އެ ދެގައުމުގެ އޮފިޝަލުންގެ މެދުގައި ސުލްހައިގެ މަޝްވަރާތައް ޖެރުސެލަމްގައި ބުދަ ދުވަހު ފަށާފައިވާއިރު މަޝްވަރާތައް ކުރިއަށް ގެންދަނީ، ކިހިނެއް ކަމާއި އަދި ކޮންތަނެއްގައިކަން ވަނީ ސިއްރުކޮށްފަ އެވެ.

އޮފިޝަލުންނާ ހަވާލާދީ އެސޯއިއޭޓް ޕްރެސް (އޭޕީ)ގައި ބުނެފައިވަނީ، ސުލްހައިގެވާހަކަތައް ކުރިއަށްދާއިރު ދެފަރާތުގެ ދެމެދުގައި އިތުބާރު އުފެއްދުމުގެ ގޮތުން އެ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް މީޑިއާއަށް ތިލަކުރަން އެއްވެސް ފަރާތަކުން ބޭނުން ނުވާ ކަމަށެވެ.

އިޒްރޭލުގެ ސްޓޭޓް ޓީވީންވަނީ، މަޝްވަރާތައް ފެށުމަށްޓަކައި ދެގައުމުގެ އިސް މަންދޫބުން ސަލާން ކުރައްވާ މަންޒަރު ދައްކައިދޭ ކުރު ވީޑިއޯއެއް އާންމު ކޮށްފަ އެވެ.

ފަލަސްތީނާއި އިސްރާއިލާ ދެމެދު އެތައް އަހަރު ތަކަކަށްފަހު ސީދާކޮށް ސުލްހައިގެ ވާހަކަތައް ފެށިގެން ދިޔައިރު، އިޒްރޭލުން ވަނީ މިހާރުވެސް އެވާހަކަތަކަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ހިންގަން ފަށާފަ އެވެ. އެގޮތުން ފަލަސްތީނުގައި ހަމާސް ޖަމާއަތުން ކޮންޓްރޯލް ކުރަމުންގެންދާ ގާޒާގައި އިޒްރޭލުގެ ރައްޔިތުންނަށް އެތައް ސަތޭކަ ގެދޮރު ބިނާކުރަން ފެށުމުން ހަމާސްއާއި އިޒްރޭލާ ދެމެދު މިހާރުވެސް ވަނީ ތާޒާ ކުރިމަތިލުންތަކެއް ފެށިފަ އެވެ.

"އަހަރެމެން މިތިބީ އިޒްރޭލަށްޓަކައި އަދި އިޒްރޭލުގެ ލާބައާއި މަންފާއަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް،" ސުލްހައިގެ ވާހަކަތަށް ފެށުމުގެ ކުރިން އެ ވާހަކަތަކުގައި ބައިވެރިވާ އިޒްރޭލުގެ އިސްވެ މަންދޫބު ޒިޕީ ލިވްނީ ވިދާޅުވި އެވެ. "އެއީ ވަރަށް އުދަގޫ އަދި އެހާމެ ހައްލުކުރަން ދަތި މައްސަލަތަކަށް ވެގެންދާނެ. އެކަމަކުވެސް އަހަރެން މި މަސައްކަތް ހުއްޓައެއް ނުލާނަން."

ދެފަރާތުގެ ދެމެދުގައި ބުދަދުވަހު އެތައް ގަޑިއިރެއް ވަންދެން ދެކެވުނު ވާހަކަތަކަށްފަހު، ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ހަފްތާއަކު އެއްފަހަރު ބައްދަލުވުންތައް ބޭއްވުމަށް އެއްބަސްވެވިފައިވާ ކަމަށާއި، އެގޮތުން ބޭއްވޭ ބައްދަލުވުންތައް އޮންނާނީ، ޖެރޫސެލަމްއާއި ހުޅަނގުއައްސޭރީގެ ޖެރިކޯގައި ކަމަށެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށިގެން ގޮސްފައިވާއިރު، އެކަމަށް މަގުފަހު ކޮށްދިނުމުގެ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ އެސަރަހައްދަށް ހަފަހަރު ޒިޔާރަތް ކުރަށްވާފަ އެވެ.

އިޒްރޭލާ އިންވެގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށްޓަކައި 2000 ވަނަ އަހަރުގެ ފަހުން އެ ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވޭ މިއީ ތިންވަނަ ފަހަރެވެ.