15 Aug 2013, 13:20
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓުބޯޅަ ޓީމު ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު 4:10 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ.
ގައުމީ ޓީމާ ދެކޮޅަށް ނިކުންނަ ބިދޭސީ ކުޅުންތެރިން ހިމެނޭ ޓީމުގެ ކޯޗަކީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ނިއުރޭޑިއަންޓްގެ ކޯޗު ވެލީޒާ ޕޮޕޯފް އެވެ.
އެފްއޭއެމް އިން އިންތިޒާމްކުރާ މިމެޗުގައި ގައުމީ ޓީމް ނިކުންނާނީ ރާއްޖޭގެ ކުލަބް ތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމާ ދެކޮޅަށެވެ. އެކަމަކު މާޒިޔާގެ އެއްވެސް ކުޅުންތެރިއަކު މިމެޗުގައި ނުކުޅެއެވެ.
އެފްއޭއެމް އިން ބުނީ، މިއަދު މެޗުގެ ޓިކެޓުގެ އަގުތަކަކީ ގޮނޑިބަރިން 35ރ. އަދި ސިޑިބަރިން 15ރ. ކަމަށާއި ޓިކެޓް ވިއްކަމުން ދަނީ ގަލޮޅު ރަސްމީ ދަނޑުން ކަމަށެވެ.
މި މެޗަކީ މި މަހު 31 ގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ފުޓުބޯޅަ ޓީމް ތައްޔާރު ވުމުގެ ގޮތުން ކުޅޭ މެޗަކަށް ވީއިރު، ޓިކެޓް ގަނެގެން ކުޅިބަލަން ވަދެވޭ ގޮތައް އެފްއޭއެމް އިން ހަމަޖެއްސި ބޭނުމަކީ ގައުމީ ޓީމުގެ ތައްޔާރީތަކަށް ފައިސާ ހޯދުމަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރަން ޖެހެނީ އަވައްޓެރި ސްރީ ލަންކާއާއި، އެންމެ ފަހުގެ ރަނަރަޕް އަފްޣާނިސްތާނާއި އަދި ބޫޓާންއާ އެވެ.