15 Aug 2013, 13:01
ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެންމެ ފަހުން އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފި އެވެ.
އުމުރުން 26 އަހަރުގެ ފޯވަޑް އާއި ބެހޭ ގޮތުން އިނގިރޭސި މީޑިއާތަކުގައި ތަފާތު ގޮތް ގޮތައް ވާހަކަ ފަތުރާފައިވެ އެވެ. އެގޮތުން ކުލަބް ދޫކޮށް ދާން އުޅޭ ކަމަށް ސުއަރޭޒް ނިންމި ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނު އިރު، އޭނާ ހޯދުމަށް އިނގިރޭސި ކުލަބް އާސެނަލުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރިކަން ރިޕޯޓްތަކުން ވަނީ އެނގިފަ އެވެ.
ސުއަރޭޒް ލިވަޕޫލްގައި މަޑުކުރަން ނިންމުމަކީ އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ އާސެނަލަށް ލިބިގެންދިޔަ ކުއްލި ސިހުމަކަށްވެގެންދާނެ އެވެ.
ސުއަރޭޒް ބުނީ، ކުލަބުގައި އޭނާ މަދުކުރާން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ ކުލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އެދުމުގެ މަތިން ކަމަށެވެ.
ސުއަރޭޒާ ބެހޭ ގޮތުން ލިވަޕޫލްގެ ކެޕްޓަން ޖެރާޑް އިއްޔެ މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ ސުއަރޭޒް އަކީ ލިވަޕޫލަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނަ ހޯދުމަށް އެހެން ކުލަބަކުން ތަފާތު ބޮޑެތި އަގުތަކުގައި ހުށަހެޅުންތައް ލިބުނަސް ލިވަޕޫލުން އޮތީ އޭނަ ދޫނުކުރާން ނިންމާފައި ކަމަށެވެ.
އަޔެކްސްއިން 2011 ވަނަ އަހަރު 22.7 މިލިއަން ޕައުންޑުގެ ފީއަކަށް ދިގުމުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލާ ގުޅުނު ފޯވަޑް ވަނީ މިދިޔަ ސީޒަންގައި އޭނާ ލިވަޕޫލަށް ކުޅުނު 44 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ލިވަޕޫލަށް ޖުމުލަ 96 މެޗު ކުޅެފައިވާއިރު 51 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެ ސީޒަންގައި ލިވަޕޫލާ ގުޅުމުގެ ކުރިން އަޔެކްސްއަށް ކުޅުނު 48 މެޗުގައި 49 ލަނޑު ޖަހާފައިވެ އެވެ. އަދި ގައުމީޓީމަށް 69 މެޗު ކުޅެފައިވާއިރު 35 ލަނޑު ޖަހާފައިވެ އެވެ.