14 Nov 2010, 11:22
ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް]ގެ ބާޒާރު ބުރާންޗަށް ބާރު ބޮޑުވެ، ގިނަ ބަޔަކު އެއްފަހަރާ އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ބްރާންޗުގެ ބޭރު ދޮރު ހަލާކުވެއްޖެ އެވެ.
ބޮޑު އީދުގެ ބަންދަށް ބޭންކްގެ ހުރިހާ ބްރާންޗުތައް ބަންދު ކުރުމަށް ފަހު މިއަދު ހިދުމަތަށް ހުޅުވާލި ހަމައެކަނި ބްރާންޗު، ހެނދުނު 10 ޖެހި އިރު ހުޅުވަން ބޭންކްގެ މުވައްޒަފުން ދިޔަ އިރު އެ ސަރަހައްދު ވަނީ މީހުނުން ތޮއްޖެހިފަ އެވެ. އަދި ބޭންކްގެ ދޮރު ހުޅުވި ވަގުތު މީހުންތައް އެތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގައި، ދޮރުފަތުގައި ހިފައި ފޭކުރިކުރީނުން އޮޓަމެޓިކް ސިސްޓަމަށް މައްސަލަ ޖެހި ދޮރު ވަނީ ހަލާކުވެފަ އެވެ.
ބޭންކުގެ ހިދުމަތް ހޯދުމަށްޓަކައި ބާޒާރު ބުރާންޗުގެ ދޮރުމަތިން ފެށިގެން ހަދާފައި އޮތް ކިޔޫ ކަސްޓަމްސް ބިލްޑިންގާ ހަމައަށް އޮތެވެ. އަދި އެ ކިޔޫގައި ތިބި ގިނަ މީހުން ދިޔައީ، ދިގު މުއްދަތަކަށް ބޭންކުގެ ހިދުމަތް މެދު ކަޑާލުމުން އެކަމާ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
"މިތަނުގައި މިހާރު ހުންނަތާ ހަތަރު ގަޑިވަރު ވެދާނެ. އެތަނުން [ދޮރުން] އެ ވައްދަނީ ފަހަރަކު ދެ މީހުން. ނަމްބަރެއް ވެސް ނުލިބޭ. ކިހާ ރަނގަޅު ވީސް އެހެން ތަނެއް [ބުރާންޗެއް] ހުޅުވާލި ނަމަ. މިތަން އެކަނި ހުޅުވައިގެން ކިހިނެއް މިކަން ކުރިއަށް ގެންދާނީ. އަހަރުމެންގެ އަމިއްލަ ހައްގެއް، އަހަރުމެންނަށް ނުލިބިގެން މި އުޅެނީ." ކިޔޫގައި ހުރި މީހަކު ބުންޏެވެ.
ބޭންކް ދޮށުގައި ބާރުބޮޑުވެ އިންތިޒާމު ގެއްލުމުން އެކަން ހަމައަކަށް އެޅުވީ ފުލުހުން އެތަނަށް ގޮހެވެ. އަދި ފުލުހުން، މީހުން ބޭންކަށް ވެއްދީ ފަހަރަކު ތިން މީހުން ވައްދާ އުސޫލަކަށް އިންތިޒުކޮށްގެނެވެ. އެއާ އެކު އެ ސަރަހައްދުގައި ކިޔޫ ހަދައިގެން ތިބި އާންމުނާއި ފުލުހުންނާ ދެމެދު ކޮންމެ ވެސް ވަރަކަށް ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރި މަންޒަރު ފެނިފައިވެ އެވެ.
ބީއެމްއެލްގެ ބާޒާރު ބުރާންޗުން ވާހަކަ ދެއްކި އެ ބޭންކްގެ އޮފިޝަލަކު މިއަދު ބުނީ އެ ބުރާންޗުގެ ހިދުމަތް އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެނަސް ގިނަ މުވައްޒަފުން ޗުއްޓީގައި ތިބުމުން އިތުރު ސުޓާފުން ނެރެގެން ހިދުމަތް އަވަސްކުރެވެން ނެތް ކަމަށެވެ. އަދި ހިދުމަތް ހޯދަން ގިނަ ބަޔަކު އައިސް ތިބުމާއި ހިދުމަތް ދެވޭވަރު ލަސްވުމުން އެ ބުރާންޗުން ހިދުމަތް ދޭ ވަގުތު އިތުރު ކުރަން ޖެހިދާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް ފަހުން ބޭންކުން ފޯނަށް ޖަވާބު ނުދޭތީ ގަޑި އިތުރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު އެ ބޭންކުގެ ބުރާންޗްތަކުގެ ތެރެއިން މާލޭގައި ހަމަ އެކަނި ހިދުމަތް ދޭނީ ބާޒާރު ބުރާންޗުން އެކަނި ކަމަށެވެ. އަދި ރާއްޖެ ތެރޭގައި ސ. ގަން ބްރާންޗާއި ލ. ފޮނަދޫ ބްރާންޗާއި އަދި ޅ. ނައިފަރު ބުރާންޗުން ކަމަށެވެ. އަދި އެ ބުރާންޗުތަކުން މިއަދު ހިދުމަތް ދެމުން ގެންދާނީ ހެނދުނު 10:00 އިން މެންދުރު 2:00 ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މަހު 11 އިން މި މަހު 20 އަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ.