ރާއްޖޭގެ ހަ ރަށެއްގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ހަތަރު ފަރާތަކާ އެކު ސޮއިކޮށްފި އެވެ.

މިއަދު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި އދ. މާމިގިއްޔާއި މ. ދިއްގަރާއި އެ އަތޮޅު މުއްޔަށް ސާފު ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ހަވާލުކުރީ ދައުލަތުގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީ އާ އެވެ. އެ ތިން ރަށަށް ސާފު ބޯފެން ފޯރުކޮށްދެނީ ސަރުކާރުގެ ހަރަދުގަ އެވެ.

އެ ތިން ރަށުގައި އެ މަޝްރޫއު ހިންގުމަށް 117 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެނާޖީ މިނިސްޓްރީ އިން ބުންޏެވެ. އެ ތިން ރަށުގައި ފެން ހޮޅި އަޅައި ނެޓްވޯކަކުން ގޭގެ އަށް ގުޅާލައި އެ މަސައްކަތް އެއް އަހަރާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވެސް ވަނީ ދެ ފަރާތުން އެއްބަސްވެފަ އެވެ.

ބޭރުގެ ހިލޭ އެހީގެ ދަށުން، ހއ. އިހަވަންދޫ، އދ. މަހިބަދޫ، ގދ. ގައްދު އަށް ބޯފެެން ފޯރުކޮށްދިނުމަށް ހަވާލުކުރީ އަމިއްލަ ތިން ކުންފުންޏަކާ އެވެ.

އެނާޖީ މިނިސްޓްރީ އިން ބުނީ ހއ. އިހަވަންދޫ އާއި އދ. މަހިބަދޫ އާއި ގދ. ގައްދޫގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ޔޫއެންއެފްސީސީގެ އެޑެޕްޓޭޝަން ފަންޑުން ކަމަށެވެ. އެ ފަންޑުން އެކަމަށް ގާތްގަނޑަކަށް 8.2 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެެވެ.

މިއަދު ހަވާލުކުރި މަޝްރޫގައި ކުރިއަށް ދަނީ އެ ރަށްރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ އިމާރާތް ހެދުމާއި ވާރޭފެން ރައްކާކުރާ ތާނގީތައް ހެދުމާއި އިމާރާތުގެ ވަށާފާރު ރޭނުމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އަދި އެ ތިން ޕްރޮޖެކްޓަށް ގާތްގަނޑަކަށް 27 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް 2015 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށެވެ.

އެ މަސައްކަތްތައް އެ ފަރާތްތަކާ ޙަވާލު ކުރުމަށް ފަހު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މިއަދު ހަވާލު ކުރި މަޝްރޫއުތަކުގެ ދަށުން ލޮނުފެން މީރުފެނަށް ބަދަލުކުރުމަށް ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ފަށަލަ ތާޒާ ކުރުމަށާއި ބޯފެނުގެ ކޮލެޓީ ރަނގަޅުވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ މޫސުމުގެ ސަބަބުން ރާއްޖެ އަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެނުގެ ދަތިކަން ކަމަށާއި އެގޮތުން މިއަހަރު ވެސް ހޫނު މޫސުމުގައި ފެނަށް ޖެހިގެން 480 މިލިއަން ރުފިޔާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ހަރަދުކުރަން ޖެހުނު ކަމަށެވެ.