ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ގޮނޑިއަށް މަޖިލީހުން ހޮއްވެވި މެންބަރު ފާތިމަތު ރީނީ އައްބުއްސައްތާރަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސީއެސްސީގެ މެންބަރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރީނީއަށް ދެއްވާނީ މިއަދު މެންދުރުފަހު 2:30ގައި ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.

ރީނީ އަކީ ކުރިން ޑިފެންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ނާއިބު އަންބަނރީ އަބްދުއްސައްތާރާއި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދުގެ ދަރިކަނބަލެކެވެ.