މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތަޢުލީމަށް 2000 އަށް ވުރެ ގިނަ ކުދިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

"ޓާޝަރީ ލޯން ސްކީމް"ގެ ދަށުން މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ލިބުނު ކުދިންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު އެނެމެ ގިނަ އަދަދެއްގެ ކުދިންނަށް ދެވިފައި ވަނީ މިދިޔަ އަހަރާއި މި އަހަރު ކަމަށެވެ. އަދި މަތީ ތަޢުލީމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި ވަނީ ވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އާދެ މިހާތަނަށް ރާއްޖެ އޮތީ ދުނިޔޭގައި އެންމެ ކުޑަކޮށް މަތީ ތަޢުލީމަށް ހަރަދުކުރާ ގައުމެއްގެ ގޮތުގައި. ރާއްޖެ އަޅުގަނޑުމެންނަށް އަޅާ ކިޔެނީ އެފްރިކާގެ ފަގީރު ގައުމުތަކާ. އެހާ ކުޑަނިސްބަތަކުން ރާއްޖޭގައި މަތީތަޢުލީމަށް ފުރުސަތުދެވެމުން އައީ. ނަމަވެސް މިއަދު އެ ހަގީގަތް ﷲ އިރާދަފުޅުން މިދަނީ ބަދަލުވަމުން. އެގޮތުން މިއަހަރާއި ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި 1200 ކުދިންނަށް ވަނީ މަތީ ތަޢުލީމުގެ ފުރުސަތު ދެވިފައި. އަދި އިރާދަކުރެއްވީއްޔާ މި އަހަރު ނިމެންވާއިރަށް 2000 އަށް ވުރެ ގިނަ ކުދިންނަށް މަތީތައުލީމުގެ ފުރުސަތު ލިބޭނެ. މިއީ ރާއްޖޭގައި މިހާތަނަށް މަތީތައުލީމަށް ދެވިފައި ނުވާފަދަ ބޮޑު ސަމާލު ކަމެއް. ވޭތުވެދިޔަ ދެ އަހަރަކީ ރާއްޖޭގައި މަތީތައުލީމަށް އެންމެ ބޮޑު ސަމާލުކަމެއް ދެވުނު އަހަރު،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމަށް ދޭ ސަމާލުކަން މިހާރަށް ވުރެ ބޮޑުކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ރާއްޖޭގައި ސާނަވީއާއި މަތީ ސާނަވީ ނިންމާ ކުދިންގެ ގިނަވަމުން ދިއުމާއި ނިންމާ ކުދިންގެ ނަތީޖާ ރަނގަޅުވަމުން ދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ ސާނަވީ ނުވަތަ މަތީ ސާނަވީ ހާސިލު ކުރުމުން ނިމުނީ ނޫން ކަމަށާއި އިތުރަށް ތަޢުލީމު ހާސިލު ކުރުމަށް ޓަކައި މަތީ ތަޢުލީމަށް ދާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ސާނަވީ ނުވަތަ މަތީ ސާނަވީ ނިންމައިގެން ރަނގަޅު ވަޒީފާއެއް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން ރަނގަޅު ވަޒީފާއެއް ހޯދުމަށްޓަކައި މަތީ ތަޢުލީމަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިިކުފާނު ވިދާޅުވީ ތަޢުލީމް އުނގެނުމަށް ޓަކައި ނުވަތަ މަތީ ތަޢުލީމަށް ދިއުމަށް ޓަކައި ދެރަ އެއްވެސް ރޮނގެއް ނޯންނާނެ ކަމަށާއި ކޮންމެ ރޮނގަކީ ވެސް އޭގެ ސަބަބުން މުސްތަގުބަލުގައި ފައިދާ ކުރާނެ ރޮނގުތަކެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަތީ ތަޢުލީމް ހާސިލުކޮށްގެން މުހިންމީ މަތީ ވަޒީފާއަކަށް ދިއުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަތީ ތަޢުލީމް ހާސިލުކޮށްގެން ވަޒީފާ އުފެއްދުމަށް މަސައްކަތްކޮށް އެހެން މީހުންނަށް އުނގައްނައި ދިނުން މާ މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ޓާޝަރީ ލޯން ސުކީމްގެ ދަށުން މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ލިބުނު 943 ކުދިންނަށް ލޯނުގެ ލިޔުން ހަވާލުކޮށްފަ އެވެ.