ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނަވާ މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދަވަން ގަސްދުކުރައްވާ ކަމަށް ހައިކޮމިޝަނަރް ރާޖީވް ސަހާރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަހާރޭ މިއަދު ވިދާޅުވީ އޭނާގެ ދައުރުގައި ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގެންދަވަން ގަސްދުކުރައްވާ ކަމަށާއި އެކަން ކުރެއްވުމަށް ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ އެހީ ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"މިގައުމާ (ރާއްޖެއާ) އަޅުގަނޑުމެންނާ އޮންނަ ގުޅުންތަކަކީ އެތައް ހާސް އަހަރެއް ކުރިން ފެށިގެން އޮތް ގުޅުމެއް ކަން އެންމެންނަށް ވެސް އެނގޭ. އަޅުގަނޑުމެން ހިއްސާކުރާ ތާރީހެއް އެބަ އޮތް، ހިއްސާކުރާ ބަހެއް، ހިއްސާކުރާ ނަސްލެއް އެބައޮތް، ތިޔަ އެންމެ ބޭފުޅުންގެ އެހީތެރިކަމާ އެކު އަޅުގަނޑުގެ ދައުރުގައި މިގުޅުން އާ އުސްމިނަކަށް ގެންދަން ގަސްދުކުރަން،" ސަހާރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ކޮންމެ ރައްޔިތަކު ވެސް ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް އެމްބެސެޑަރެއް ފަދައިން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގައި މަސައްކަތުގެ އެކި ދާއިރާގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން އުޅޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިންޑިއާ ހައިކޮމިޝަނުގައި މިއަދު އޮތް ދިދަނެގުމުގެ ރަސްމިއްޔާތަށް ފަހު އިންޑިއާގެ ގައުމީ ލަވަ ހުށައެޅުމާއި ނާސްތާއެއް އޮތެވެ. ސަހާރޭގެ ވާހަކަ ފުޅުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ.