އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހއ. ދިއްދޫގައި ހިންގާ ޖަގަހަތަކުން އަޑުގަދަކޮށް ލަވަޖަހަމުންދާތީ އެ ރަށު އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދިނުމަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

އެ ރަށު ސްކޫލްގެ ބައެއް ބެލެނިވެރިން ބުނި ގޮތުގައި ސްކޫލާ ގާތްގަނޑަކަށް 200 ވަރަކަށް ފޫޓުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގަ އާއި ޖޭޕީގެ ޖަގަހައިގައި މިއަދު ހެނދުނުން ފެށިގެން ލައުޑް ސްޕީކަރު ބޭނުންކޮށްގެން އަޑުގަދަ ކުރަމުން ގެންދާތީ ސްކޫލްގެ ކިޔަވާ ކުދިންނަށް އުނދަގޫވެ، އެކަމުގެ ޝަކުވާ ސްކޫލަށް ވަނީ ހުށަހަޅާފައި ކަމަށެެވެ.

އެ ރަށު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސެއިން ބަދީއު މިއަދު ވިދާޅުވީ ސްކޫލްގެ ދަރިވަރުންނަށާއި ޓީޗަރުންނަށް އުނދަގޫވާ ވަރަށް ލަވަޖަހަމުން ގެންދާތީ އެކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ޓީޗަރުންގެ ފަރާތުން މެނޭޖްމަންޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކުގެ ވާހަކަތައް ޕާޓީތަކަށް އެންގުމުން އެމްޑީޕީގެ ޖަގަހައިން ލަވަޖެހުން ހުއްޓާލި ނަމަވެސް ޖޭޕީގެ ޖަގަހައިން އަދި ވެސް އަޑު ގަދަ ކުރާ ބޭނުންކޮށްގެން ގުރުއާން ޖަހަމުން ގެންދާ ކަމަށެވެ.

"އެމްޑީޕީގައި އެ ޝާކުވާތަކުގެ ވާހަކަ ދެއްކިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ލަވަޖެހުން ހުއްޓާލައިފައި، ނަމަވެސް ޖޭޕީގެ ޖަގަހައިން ބުނީ އެމީހުން ލަވަ ނުޖަހާ ކަމަށާއި ގުރުއާން ޖެހިޔަސް އެއީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް، ނަމަވެސް އެހާވަރުގަދަ އަޑު ގަދަ ކުރާ ސިސްޓަމް ބޭނުންކުރާތީ އެއަޑުގެ ސަބަބުން ވެސް ދަރިވަރުންނަށް ކިޔަވާދިނުމަށް ވަނީ ދަތިވެފައި." ބަދީއު ވިދާޅުވި އެވެ.

އެމްޑީޕީ ޖަގަހަ އިން ލަވަޖެހުން ހުއްޓާލި ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވާ ވާހަކަ ޖޭޕީ އިން ދޮގު ކުރެ އެވެ. އެ ޕާޓީން ބުނީ އޭނާ އެ ހައްދަވަނީ އިތުރުފުޅެއް ކަމަށާއި އެމްޑީޕީން އަޑު ގަދަ ކުރުން ހުއްޓާ ނުލާ ކަމަށެވެ.

އެއް ދަންފަޅިއަށް ކިޔަވާދެމުން އަންނަ ދިއްދޫ އަތޮޅު ތައުލީމީ މަރުކަޒ×ަކީ 600 ދަރިވަރުން ކިޔަވަމުން އަންނަ މަދަރުސާ އެކެވެ.