ޤާހިރާ (އޮގަސްޓް 15) : މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް މުޙައްމަދު މުރުސީއަށް ތާއީދުކުރާ އެތައް ލައްކަބަޔަކު ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ކުރަމުންގެންދިޔަ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސިފައިންބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކު މަރާލުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖްތަމަޢުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަމުން އެބަގެންދެ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާން މާޓިން ނިސްރިކީ ވިދާޅުވީ ސުލްޙަވެރި މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. އަދި މިސްރުގެ މައްސަލަތައް ޙައްލުކުރެވޭނީ ސުލްޙަވެރިގޮތެއްގައި ކަމަށާ ބާރުގެ ބޭނުންކޮށްގެން ނޫންކަމަށް ވެސް ބާންކީ މޫންގެ ތަރްޖަމާން ވިދާޅުވި އެވެ. އެމެރިކާއިން ވެސް ވަނީ މިސްރުގެ ސިފައިން ބާރުގެ ބޭނުންކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ. ނަމަވެސް މިޢަމަލު ހިންގި މިސްރުގެ އިންޤިލާބީ ވެރިންނާއި މިސްރުގެ ސިފައިން ކުށްވެރިކުރުމަށް އެމެރިކާ ވަނީ ފަސްޖެހިފަ އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ސުލްޙަވެރި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާ މިސްރުގެ ސިފައިން "ނަފްސު ކޮންޓްރޯލް" ކުރަންޖެހޭ ކަމުގަ އެވެ. އަދި ކުއްލި ޙާލަތު އިޢްލާންކޮށް ދަސްތޫރަށް އަމަލުކުރުން ހުއްޓާލާފައި އޮތުމަކީ މައްސަލައެއް ކަމަށް ވެސް ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވި އެވެ. ނަމަވެސް ސުލްޙަވެރި މުޒާހަރާ ތަކާދެކޮޅަށް ބާރުގެ ބޭނުންކޮށް 300 އެއްހާ މީހުން މަރާލި މިމައްސަލަ ކުށްވެރިކުރަން ޖެހޭ މިންވަރާ ގާތަށް ވެސް އެމެރިކާ ކުށްވެރި ނުކުރާ ކަމަށާ މިސްރުގެ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް އެމެރިކާ ނިންމާފައިނުވުމަކީ ޑިމޮކްރަސީގެ ނަމުގައި އެމެރިކާ ދައްކާ ދެފުށްދެގޮތް ކަމުގެ ހެއްކެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

މިސްރުގެ ރައްޔިތުން ދިމުޤްރާތީ ގޮތުން އިންތިޚާބުކޮށްފައިވާ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރުގެ ސިފައިން މިދިޔަ ޖުލައި މަހުގެ 3ގައި ގެނައި ޢަސްކަރީ އިންޤިލާބަކީވެސް އިންޤިލާބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެފައިވެ އެވެ. ސިފައިން ނުކުމެ މުރުސީ މަޤާމުން ދުރުކުރުމަށް ފަހު މުރުސީ ހައްޔަރު ކޮށް ޤާނޫނު އަސާސީ އަށް ޢަމަލުކުރުން ހުއްޓާލުމުން ވެސް މިސްރު ސިފައިންގެ މިޢަމަލަކީ ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ ޢަމަލެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ސިފަކުރައްވާފައިވެ އެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުންވެސް ވަނީ މުރުސީއަށްތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ބާރުގެ ބޭނުންކުރި މައްސަލަ އާދައިގެ ގޮތަކަށް ކުށްވެރިކޮށްލާފަ އެވެ. ނަމަވެސް މިޖަރީމާގެ ފަހަތުގައިވާ މިސްރުގެ އިންޤިލާބީ ވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުން ފަދަ އެއްވެސް ކަމެއް ޔޫރަޕްގެ އެއްވެސް ގައުމަކުން އިޢްލާންކޮށްފައެއް ނުވެ އެވެ. މުރުސީގެ އިޚްވާން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ޚީރަތުއްޝާތިރު ވަނީ މިސްރަށް ގެނައި ޢަސްކަރީ އިންޤިލާބަކީ އެމެރިކާގެ ރުހުން ލިބިގެން ގެނައި އިންޤިލާބެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެމެރިކާގެ ފެހިއަލި ނުލިބި މިސްރުގެ ސިފައިން ޢާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންނުކުރާނެ ކަމަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ.

ތުރުކީން ވަނީ މިސްރުގެ އިންޤިލާބީ ވެރިން ރައްޔިތުންނާ ދެކޮޅަށް ހިންގާފައި ވަނީ ޤަތްލު ޢާންމެއް ކަމަށް ސިފަކޮށް މިސްރުގެ ވެރިން ބައިނަލްއަޤްވާމީ ޢަދާލަތަށް ޙާޒިރުކުރަން ޖެހޭ ކަމަށްބުނެ ވަރަށް ހަރުކަށި ޢިބާރާތުން މިސްރުގެ ވަގުތީ ސަރުކާރު ކުށްވެރިކޮށްފަ އެވެ. (އަލްޖަޒީރާ)