15 Aug 2013, 10:25
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ކުއާޓާ ފައިނަލްގައި މިއަދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން އަދި ދެވަނަ މެޗު، ކާމިނީ ސްޕޯޓްސް ކާމިޔާބުކޮށް އެ ދެޓީމު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗު، ގޮއިދޫ ޔޫތު ސޮސައިޓީއާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ފީއަލި މެޗު ކާމިޔާބުކުރީ ދެ ލަނޑު ހަތަރު ފޯލީގެ ތަފާތުންނެވެ. އެ މެޗުގައި ފީއަލި ޓީމުން 33 ލަނޑު 10 ފޯލި ހެދި އިރު ގޮއިދޫ ޓީމަށް ހެދުނީ 31 ލަނޑު ހަ ފޯއްޔެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ، 120 ފޯލި ސައިކުރި ފީއަލި ޓީމްގެ ފަތީނާ އަބްދުއްރަހީމް އެވެ. އެންމެ ގިނަ ފޯލި ސައިކުރީ 18 ފޯލި ސައިކުރި ފީއަލި ޓީމުގެ އާމިނަތު ޒަމީލާ އެވެ.
ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި މުޑި ޖަމިއްޔާ ބަށި ޓީމު އަތުން ކާމިނީ ސްޕޯޓްސް މޮޅުވީ ފަސް ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި ކާމިނީ ސްޕޯޓްސް 35 ލަނޑުހެދި އިރު މުޑި ޓީމަށް ހެދުނީ 30 ލަނޑެވެ. އެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 105 ފޯލި ސައިކުރި ކާމިނީ ސްޕޯޓްސްގެ އައިޝަތު ލުބްނާ އެވެ. އެ މެޗުގައި އެންމެ ރަނގަޅަށް ހިފީ ކާމިނީ ގެ ފާތިމަތު ރަޒިއްޔާ އެވެ. އޭނާ ވަނީ މެޗުގައި 16 ފޯލި ހިފާފަ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ގްރޫޕް ބީ ގެ ހެންވޭރު ނޫމާއާ ވާދަކޮށް 33 ލަނޑު 11 ފޯލި، 16 ލަނޑު 11 ފޯލިން ކާމިޔާބު ކުރީ ހުވަނދުމާ ޓީމެވެ. ގްރޫޕް ސީގެ ފަހުމެޗުގައި މައްޗަން ގޯޅީ އަރާތަރި، 20 – 35 ލަނޑުން ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދައިގެން ކުއާޓާ ކަށަވަރު ކުރީ މައްޗަންގޯޅީ ވިދުވަރު އެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ، ގްރޫޕް ޑީ ގެ ހެންވޭރު އަރާތަރިއާ ވާދަކޮށް 22 ލަނޑު ހަތަރު ފޯލި، 30 ލަނޑު ނުވަ ފޯލިން މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މަގާމުގައި ކުއާޓާއިން ޖާގަ ހޯދީ، އޭދަފުށީ އަންހެނުންގެ ރޫހެވެ. އެގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާއިން ޖާގަ ލިބުނީ، މުޑި ބަށި ޓީމަށެވެ.
ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު 4:00ގައި ވާދަކުރާނީ މައްޗަން ގޯޅީ ވިދުވަރާއި ގުލްޒާރު އެވެ. ކުއާޓާގެ ހަތަރު ވަނަ މެޗުގައި ހަވީރު 5:00ގައި ވާދަކުރާނީ އޭދަފުށި އަންހެނުންގެ ރޫހާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސް އެވެ.
ފިތުރު އީދާ ގުޅުވައިގެން އެސްޓީއޯއިން ކުރިއަށް ގެންދާ ބަށި މުބާރާތުގެ ސެމީ ފައިނަލް މެޗުތަށް ކުޅޭނީ މާދަމާ ހަވީރު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހު ހަވީރު 4:00ގަ އެވެ.