ޒަމާނީހިނގުމުގައި ހުންނަ މއ. ޔެލޯހެވަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބިދޭސީއިން ދިރިއުޅޭ އެ ގޭގައި މިއަދު 10:00 ޖަހާކަންހާއިރު އަލިފާން ރޯވާން ދިމާވީ އުނދުނަށް ގޭސް ފުޅިއެއް ގުޅަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.

އެގޭގައި ދިރިއުޅޭ ބިދޭސީއަކު "ސަން" އަށް މައުލޫމާތް ދެމުން ބުނީ އެއީ 25 މީހުން ދިރިއުޅޭ ގެއެއް ކަމަށާއި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގޭގައި ތިބީ ހަތް މީހުން ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ގޭގައި އަލިފާން ރޯވުމުން، ގޭ ތެރޭގައި ހުރި ތަކެތި ވަނީ އަނދައި ހުލިވެފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެސަރަހައްދުގައި ވަރަށް ބޮޑަށް ދުން ފެތުރިގެންދިޔަ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ ރެސްކިއުގެ ޓީމް އިން އެސަރަހައްދަށް ގޮސް ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވެ އެވެ.