ޤާހިރާ (އޮގަސްޓް 15): މިސްރު ވަނީ ލޭގެ ކޯރެއްގެ ތެރޭގައި ކަމަށާ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީގެ އިންޤިލާބީ ޕްލޭން ނާކާމިޔާބުވުމުން އޭނާ މަސައްކަތް ކުރައްވަނީއަހްލީ ހަނގުރާމައެއްގެ ތެރެއަށް މިސްރު ވައްޓާލުމަށް ކަމަށް އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ތުހުމަތުކޮށްފި އެވެ.

އިޚްވާން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ މުޙައްމަދުލްބިލްތާޖީ ވިދާޅުވީ ދިމުޤްރާތީ ގޮތުން މިސްރުގެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ޖެނެރަލް ސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ ޖުލައި މަހުގެ 3ގައި ގެނައި ޢަސްކަރީ އިންޤިލާބު ފޭލްވެއްޖެކަން އެއިންޤިލާބަށް ކުރިން ތާއީދުކުރި ފަރާތްތައް ވެސް މިހާރު ގަބޫލުކުރާ ކަމުގަ އެވެ.

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ބިލްތާޖީ ވިދާޅުވީ މިސްރުގައި ޒާމާނުއްސުރެއޮތް "ޕޮލިސް ސްޓޭޓް"ގެ ޙާލަތު 2011 ވަނަ އަހަރުގެ ޖަނަވަރީ މަހު މިސްރުގެ ރައްޔިތުން މަގުތަކަށް ނުކުމެ ބަދަލުކޮށް އޭރުގެ ރައީސް ހުސްނީ މުބާރަކްގެ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނަސް ދިމުޤްރާތީ ނިޒާމެއް މިސްރުގައި ޤާއިމްކޮށްފައިވާ ކަމަށާ ދެން ސިފައިން ނެރެގެން ޖެނެރަލް ސީސީ އަށް އެކަން ބަދަލުނުކުރެވޭނެ ކަމުގަ އެވެ.

މިނިވަންކަމާއި ޑިމޮކްރަސީގެ ފޮނިރަހަ ލިބުމަށް ފަހު ކުރީގެ "ޕޮލިސް ސްޓޭޓް"ގެ ޙާލަތަށް އެއްވެސް ރައްޔިތަކު ދާންބޭނުންނުވާނެ ކަމަށާ ބާރުގެ ބޭނުންކޮށްގެން ސިފައިންނަށް އެޙާލަތު ބަދަލުނުކުރެވޭނެ ކަމަށް ބިލްތާޖީ ވިދާޅުވި އެވެ. ޖެނެރަލް ސީސީ ކުށްވެރިކުރައްވަމުން ބިލްތާޖީ ވިދާޅުވީ އޭނާއާއި އޭނާ އަށް ތާއީދުކުރާ ފަރާތްތަކުގެ އިންޤިލާބީ ޕްލޭން ނާކާމިޔާބުވުމުން މިހާރު މަސައްކަތް ކުރައްވަނީ މިސްރުގެ ސިފައިން ރައްޔިތުންނާ ދެކޮޅަށްނެރެ ސިފައިން ލައްވައި ޤަތްލުޢާންމުތައް ހިންގައި ސިފައިންނާއި ރައްޔިތުން ޖައްސައި ސިފައިންނަށް ރައްޔިތުން ކުރާ އިޙްތިރާމާއި ދީފައިވާ އިތުބާރު ނިގުޅައި ގަތުމަށް ކަމުގަ އެވެ.

ބިލްތާޖީ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މަޤާމުން ދުރުކޮށްފައިވާ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ އެތަށްލައްކަ ބަޔަކު ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ކުރަމުން ގެންދިޔަ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސިފައިން ބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކު މަރާލުމާ ގުޅިގެންނެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން ގެންދިޔަ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސިފައިން ބޭނުންކޮށްފައި ވަނީ ކަރުނަ ގޭހާއި ބަޑިއާއި ބަރުހަތިޔާރު ކަމަށް މަންޒަރު ދުށްމީހުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިސްރުގެ ސަލާމަތީ ބާރުތަކުން ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި ހިންގާފައި ވަނީ 1989 ވަނައަހަރު ޗައިނާ ސިފައިން ޓިޔަންއަންމެން މައިދާނުގައި ހިންގިފަދަ ޤަތްލުޢާންމެއް ކަމަށް ސިފަކޮށްފަ އެވެ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސިފައިން އިއްޔެ ދިން ކުއްލި ޙަމަލާތަކުގައި 289 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށާ މަރުވި މީހުންގެ ތެރެއިން 43 މީހުން ފިޔަވައި ދެން އެހެން އެންމެންނަކީ މުރުސީ އަށް ތާއީދުކުރާ އާންމުން ކަމަށް މިސްރު ސަރުކާރުން ވެސް ވަނީ އެއްބަސްވެފަ އެވެ. މަރާލެވުނު289 މީހުންގެ ތެރެއިން 43 މީހުންނަކީ އިޙްތިޖާޖްތައް ރޫޅާލުމުގައި ޙަރަކާތްތެރިވި ސިފައިންނާއި ފުލުހުން ކަމަށް މިސްރުގެ ދާޚިލީ ވަޒީރު އަހްމަދު އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް އިޚްވާން ޖަމާއަތުން ވަނީ މިހާ ގިނަ އަދަދަކަށް ސިފައިން ފުލުހުން މަރުވެފައިނުވާ ކަމަށާ މުޙައްމަދު އިބްރާހީމްގެ ވާހަކަތަކަކީ އޮޅޫވާލުމެއް ކަމަށް ބުނެފަ އެވެ.

މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުންވަނީ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނަށް އެއްވެފައިވާ މުރުސީގެ ސަޕޯޓަރުންނަށް ސިފައިން ދިން ޙަމަލާތަކުގައި ދެހާހެއްހާ މީހުން މަރުވިކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތަކުން ކަށަވަރުވަނީ 300 އެއްހާ މީހުން މަރުވިކަމުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މުރުސީ ވެރިކަމުން ދުރުކުރުމަށްޓަކައި ޖެނެރަލް ސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ މަހު ގެނައި ޢަސްކަރީ އިންޤިލާބަށް ތާއީދުކުރި މުރުސީއާ އިދިކޮޅު ބައެއް ޕާޓީތަކާއި ލީޑަރުންވެސްވަނީ މިސްރު ސިފައިންގެ މި ހަރުކަށި ޢަމަލުތައް ކުށްވެރިކޮށް މިސްރުގެ ވަގުތީ ސަރުކާރަށް ފާޑުކިޔައި ސަރުކާރާ ދުރަށްދާން ފަށާފަ އެވެ. މިގޮތުން އިންޤިލާބަށް ތާއީދުކުރެއްވި މުރުސީގެ ހަތުރުވެރިއެއް ކަމަށްވާ މުޙައްމަދުލްބަރާދްޢީ ވަނީ ސިފައިން އިއްޔެ ދިން ޙަމަލާތައް ކުށްވެރިކުރައްވައި މިސްރުގެ ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އަލްބަރާދްޢީ ވަނީ މުރުސީ މަޤާމުން ދުރުކުރުމަށް ސިފައިން ގެނައި ޙަރަކާތް މަގުން ކައްސާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަލްބަރާދްޢީ ވިދާޅުވީ ގުޅިގެން މުރުސީ މަޤާމުން ދުރުކުރިނަމަވެސް އޭނާގެ ސަޕޯޓަރުންގެ ގަޔަށް ބަޑިޖަހައި ސުލްޙަވެރި އިޙްތިޖާޖްތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލައި ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލައި ގައުމުގައި ކުށްލި ޙާލަތު އިޢްލާންކޮށް މުޅިތަން ޕޮލިސް ސްޓޭޓަކަށް ހެދުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ.

މުރުސީ މަޤާމުން ދުރުކުރި އިންޤިލާބަށް ތާއީދުކުރި މިސްރުގެ ސަލަފީ ޕާޓީންވެސް ވަނީ ކުށެއްނެތް އާންމުންނާ ދެކޮޅަށް ޖެނެރަލް ސީސީ އިސްކޮށް ހުންނަވައިގެން ޤަތްލު އާންމު ހިންގާ ކަމަށް ސިފަކޮށް މިސްރުގެ ވަގުތީ ސަރުކާރު ވަރަށްބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި މުރުސީ އާ ދެކޮޅަށް ސިފައިން ގެނައި އިންޤިލާބަށް ތާއީދުކުރެއްވި އަލްއަޒްހަރުގެ ޝައިޚް ޑރ. އަހްމަދުއްތައްޔިބު ވެސް ވަނީ މުރުސީގެ ސަޕޯޓަރުންނާ ދެކޮޅަށް ސިފައިން ހިންގި ޤަތްލު އާންމު ކުށްވެރިކުރައްވާފަ އެވެ. މީގެއިތުރުން މުރުސީއާ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުންނާއި މިސްރުގެ ވާތުފިޔައިގެ ޕާޓީތަކުން ވެސް ވަނީ ސިފައިން ހިންގި މިލޭއޮހޮރުވުންތައް ކުށްވެރިކޮށް ވަގުތީ ސަރުކާރާ ދުރަށްޖެހިލާފަ އެވެ.

މިސްރުގެ ވަގުތީ ސަރުކާރުގެ ދާޚިލީ ވަޒީރު އަޙްމަދު އިބްރާހީމް ވަނީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކުގެ އިޙްތިޖާޖްތައް ރޫޅާލުމަކީ މިސްރަށް ހަމަޖެހުން ގެނައުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ސިފައިން ހިންގި ލޭއޮހޮރުވުންތައް ދިފާޢު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)