އީދު ބަންދާ ދިމާކޮށް މެރީން ޕޮލީސް އާއި ކޯސްޓްގާޑު ގުޅިގެން ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.


ހެޑް އޮފް މެރިން ޕޮލިސް، ޗީފް އިންޕެކްޓަރު އިބްރާހިމް އަދުނާން އަނީސް މިއަދު ވިދާޅުވީ އެ އޮޕަރޭޝަން ފަށާފައި ވަނީ ނޮވެމްބަރު 11 ވީ ބުރާސްފަތި ދުވަހު ކަމަށާއި އީދަށް ބަންދުވުމުގެ އެއް ދުވަސް ކުރިން މާލޭގައި އެ އޮޕަރޭޝަނާ ބެހޭ ގޮތުން ބޯޓް އޮޕަރޭޓް ކުރާ ކުންފުނިތަކާއި އެ ދާއިރާގައި މަސައްކަތްކުރާ އިސް ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.


"މަޝްވަރާ ކުރެވުނީ އީދު ބަންދުގައި ދަތުރު ފަތުރު ކުރުމުގައި ސަލާތާއި ސަލާމަތީ ކަންތައްތައް ބަހައްޓާނެ މިންގަނޑުތަކާ ބެހޭ ގޮތުން. އެއަށް ފަހު މި އޮޕަރޭޝަން މިފެއްޓީ" އަދްނާން ވިދާޅުވި އެވެ.


އަދްނާން ވިދާޅުވީ މައިގަނޑު ގޮތެއްގައި އެފަރާތުން ޗެކްކުރަނީ އުޅަނދުގެ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ އާއި ޕަސިންޖަރުން އަރުވާފައިވާ ނަމަ އެ އުޅަނދަކަށް މީހުން އަރުވާފައި ވަނީ ހުއްދަކުރެވިފައިވާ މިންވަރަށްތޯ ބެލުމަށް ކަމަށެވެ.


މިމަހުގެ 11 ވަނަ ދުވަހު އެ އޮޕަރޭޝަން ފެއްޓި ފަހުން މިހާތަނަށް 48 އުޅަނދެއް ޗެކްކޮށްފައިވާ އިރު އޭގެތެރެއިން ބައެއް އުޅަނދު ފަހަރުތަކުގައި އަލިފާން ނިއްވާ ފުޅީގެ މުއްދަތު ހަމަވެފައި ހުރުމާއި ފަސްޓް އެއިޑް ނެތް މައްސަލަ ފަދަ ކުދިކުދި މައްސަލަތައް ދިމާވެފައިވާކަން އަދްނާން ފާހަގަކުރެއްވި އެވެ. އަދި އެ އޮޕަރޭޝަން ފެށި ފަހުން އީދު ބަންދަށް ދަތުރުކުރާ އެއްވެސް އުޅަނދެއް ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ދިމާވެފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް އަންނަނީ ދެމުން. ދަތުރަށް ތައްޔާރުވެފައިވާ އުޅަނދުފަހަރުތަކުން ގުޅާ. ގުޅާފައި އަޅުގަނޑުމެން ގޮސް ޗެކްކުރާ އިރު ރަނގަޅު ކުރަން ޖެހޭ ބައެއް ކަންތައްތައް ރަނގަޅު ވެސް ކުރޭ. އެކަންތައްތައް ރަނގަޅު ކުރީމާ ދަތުރަށް މިފުރުވާލަނީ އެ އުޅަނދެއް،" އަދުނާން ވިދާޅުވި އެވެ.


އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން ފަށައިފައިވާ އެ އޮޕަރޭޝަނަކީ ޖޮއިންޓް އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.