15 Aug 2013, 09:57
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) 1000 ޑޮލަރު (15420ރ.) އިން ޖޫރިމަނާކޮށްފައި ވާތީ އެ ޖޫރިމަނާ މިއަދުގެ ވަގުތެއްގައި ދައްކާނެ ކަމަށް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ ދެ ވަނަ ދުވަހު އޭއެފްސީން ރާއްޖެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެ އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި ޖުމްލަ ދެ ނުކުތާއެއް ވަނީ ފާގަ ކޮށްފައެވެ. އެގޮތުން ފުރަތަމަ ނުކުތާގައި ބުނެފައި ވަނީ ރާއްޖެ ޖޫރިމަނާ ކުރަން ޖެހުނީ މިދިޔަ ޖޫން މަހުގެ 25 އާއި 27 ވަނަ ދުވަހު ގަތަރުގެ އަންހެން ޓީމާއި ރާއްޖޭގެ އަންހެން ޓީމް ބައްދަލުކުރި ދެ މެޗުގެ މެޗު ރިޕޯޓް އޭއެފްސީ އަށް ފޮނުވާފައި ނުވާތީ އެވެ. އަދި ދެ ވަނަ ނުކުތާގައި ބުނެފައި ވަނީ އެ ޖޫރިމަނާއަކީ އޭއެފްސީގެ ގަވާއިދުގެ ފަސް ވަނަ މާއްދާއާ ހިލާފުވެފައިވާތީވެ ކުރި ޖޫރިމަނާއެއް ކަމަށާއި އެ ޖޫރިމަނާ 10 ދުވަސް ތެރޭގައި އޭއެފްސީ އަށް ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
"ސަން"އާ ވާހަކަ ދައްކަމުން އިލްހާމް ވިދާޅުވީ އޭއެފްސީން ރާއްޖެ ޖޫރިމަނާ ކުރިކަން އެނގިވަޑައިގެންނެވީ ރާއްޖޭގެ މީޑިއާ ތަކުގައި އެ ހަބަރު ޖެހުމުން ކަމަށާއި ޖޫރިމަނާ ދައްކަންޖެހޭ އެންމެ ފަހު ތާރީހް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވީ ނަމަވެސް، އެކަން އެނގުނު ހިސާބުން ޖޫރިމަނާ ދެއްކުމަށް އިއްޔެގެ ވަގުތެއްގައި ފާއިސާ ހަމަޖައްސާފައި ވާނެ ކަމަށެވެ.
"އޭއެފްސީގެ ޖޫރިމަނާ އަކީ އަހަރުމެންގެ އިދާރީ ކަންކަން ރަނގަޅު ނުވުމުން ވީ ޖޫރިމަނާއެއް. އެކަމަކު މިހާރު ޖޫރިމަނާ ދެއްކުމަށް ފައިސާގެ ކަންތައްތައް ވާނީ ހަމަޖައްސާފަ. އިއްޔެ ނުވަތަ މިއަދުގެ ވަގުތެއްގައި ޖޫރިމަނާ ދައްކާނެ،" އިލްހާމް ވިދާޅުވި އެވެ.
ގަތަރުގެ އަންހެން ޓީމާއެކު ރާއްޖޭގެ އަންހެން ޓީމް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ވެސް ރާއްޖެ 1-0 ލަނޑުން މޮޅުވި އިރު، ދެ ވަނަ މެޗުގައި ގަތަރު އަތުން ރާއްޖެ މޮޅުވީ 3-0 ލަނޑުން ނެވެ.