މާލެ އަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާފައިވާ ހުޅުމާލެ ތަރައްގީކުރާނީ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ހުޅުމާލެއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ މޭސްތިރިކަމުގެ ދަށުން ތަރައްގީކުރި ސިޓީއެއް ކަމަށާއި މާލެ އަށް "ނޭވާލުމަށް ޓަކައި" ހުޅުމާލެ ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުޅުމާލެ ވެގެންދާނީ މާލޭ ސަރަހައްދުގައި މިހިމެނޭ އެންމެ ވަރުގަދަ ތަރައްގީގެ ނާރެސް ކަމަށް. މާލެއަކީ ތޮއްޖެހިފައި އޮތް ތަނެއް. މާލެއަށް ނޭވާލުމަށްޓަކައި ވެސް ހުޅުމާލެ މުހިއްމުވެގެން އެބަދޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެންމެ މުހިއްމު އަމާޒަކީ ޒުވާނުންނަށް ގޮތްތަކެއް ހޯދައި ދިނުން ކަމަށާއި އެހެންކަމުން ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއަކަށް ހެދުމަކީ ޕީޕީއެމް އިން ކުރާނެ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 50،000 ޒުވާނުންނަށް. އެއީ މާލެގައި ދިރިއުޅޭ އަދި އަތޮޅުތަކުގެ ޒުވާނުންނަށް ހާއްސަވެގެންދާ ސިޓީ މިއުފެދެނީ ހުޅުމާލޭގައި،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މާލޭ ސަރަހައްދުގައި ދެން ގާއިމްކުރާ އެންމެ ވަރުގަދަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިންފްރާސްޓްރަކްޗާ ގާއިމްވެގެން ދާނީ ހުޅުމާލޭގައި ކަމަށެވެ.

ޔާމީން ވިދާޅުވީ ޒުވާނުންނަށް ކަންކަން ހާއްސަކުރުމުން ރާއްޖޭގައި ތިބި ދޮށީ އުމުރުގެ މީހުން ހާސްވާކަށް ނުޖެހޭ ކަމަށާއި ޒުވާނުންނަށް ލިބޭ ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"ތިޔައިން ކޮންމެ ބޭފުޅަކު ވެސް ގަބޫލުކުރައްވާނެ. ކޮންމެ މަންމައެއް ކޮންމެ ބައްޕައެއްގެ އުފަލަކަށް ވާނީ އެބައްޕައަކަށް ނުވަތަ މަންމައެއްގެ ޒުވާން ދަރިއަކީ ގައުމު ބިނާކުރުމުގެ އީޖާދީ މަސައްކަތްތަކެއް ކުރާ، މަގުން ކައްސާލައިގެން ނުދާ ޒުވާނަކަށް ވުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޒުވާނުންގެ ހަމަޖެހުން ވާނީ މުޅި ދިވެހި މުޖުތަމައަށް ލިބޭ އުފަލެއް ކަމުގައި ކަމަށެވެ.