15 Aug 2013, 09:17
އަހްމަދު ހިޝާން ގ. ނީރުވިގު 41، އަކީ އާންމުގެ ތެރޭގައި މާ ބޮޑު މަގުބޫލު ކަމެއް އޮތް މީހެއް ނޫނެވެ. ނަމަވެސް ޒުވާން އުމުރުން ފެށިގެން އޭނާގެ މަގުބޫލުކަން އޮތީ ދުވަސްވީ މީހުންގެ މެދުގައި އެވެ. ދިހަ ވަރަކަށް އަހަރުކުރިންސުރެ އޭނަގެ ހުސްވަގުތުތައް ހޭދަކުރަމުން ދަނީ ދުވަސްވީ މީހުނަށް އަޅާލުމުގަ އެވެ. އާންމުނާއި ޒުވާނުންގެ ސަމާލުކަމެއް އޭނާ އަށް މިހާތަނަށް ނެތަސް ހުއްޓާނުލާ އޭނާ ކުރަމުން ދަނީ އެހެން ޒުވާނުނަށް ނަމޫނާއެއް ފަދަ މަސައްކަތެކެވެ. އަދި އޭނާގެ ވާހަކަ މިއަދު ގިނަ ސުރުހީތަކުން ވެސް ޖާގަ ހޯދީ އެވެ.
ހިޝާން "ސަން"އަށް ދިން އިންޓަވިއުގައި އޭނާ ބުނި ގޮތުގައި ދުވަސްވީ މީހުނަށް އަޅާލުމުގެ އަމަލީ ގޮތުން އުޅެން ފެށުނީ 1999 ވަނަ އަހަރު ލަންޑަނަށް ކުރި ދަތުރެއްގައި ދުވަސްވީ މީހެއް ކައިރީ އުޅުމަށް ލިބުނު ފުރުސަތުގައި ކުރެވުނު ތަޖުރިބާތަކަށް ފަހު އެވެ.
"އެ މީހާއާ އެކު ދިޔައިން ދުވަސްވީ މީހުނަށް އަޅާލާ ގިނަ ތަންތަނަށް ވެސް. އަޅާލާނެ ގޮތުގެ މައުލޫމާތުދޭ އެކި ސެޝަންތަކަށް ވެސް އޭރުގޮސް އުފެދުނު. އެހާ ހިސާބުން ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައީ ދުވަސްވީ މީހުނަށް އަޅާލާ އެ މީހުންގެ ހައްގުގައި މަސައްކަތްތައް ކުރުމަށް،"
އެ ދުވަސްވަރުން ފެށިގެން އުފެދުނު ޝައުގުވެރި ކަމުގައި މާލެ އައިސް އެންމެ ފުރަތަމަ ބެލީ ދުވަސްވީ މީހުނަށް އަޅާލެވޭނީ ކޮން ކަންތައްތަކެއްގައިތޯ އާއި އެ މީހުންގެ ހައްގުގައި ކުރެވެން އޮތީ ކޮން މަސައްކަތެއްތޯ ކަމަށް ހިޝާން ބުންޏެވެ. އެގޮތުން އޭނާގެ ޝައުގުވެރިކަން އެންމެ ފުރަތަމަ އުފެދުނީ ދުވަސް މީހުން ގެންގުޅޭ ދަނޑިބުރިތައް ޒަމާނީ އަސާގަނޑުތަކަށް ބަދަލުކުރުމަށެވެ. އެ މަސައްކަތުގެ ތެރެއިން ދުވަސް މީހުނަށް ޒަމާނީ އަސާގަނޑާއި އަދި ހިނގާފައި އުޅުމަށް ދަތިވެފައިވާ ދުވަސްވީ މީހުނަށް ފޮރުޅުލީ ގޮނޑި ހަދިޔާ ކުރުމުން އޭނާ ގެންދިޔަ އެވެ.
އޭނާ ބުނި ގޮތުގައި މިހާތަނަށް 70 އަށް ވުރެ ގިނަ މުސްކުޅިންނަށް ހިނގާ އުޅުމުގައި އެހީއަކަށް ބޭނުންކުރާ ޒަމާނީ އަސާގަނޑާއި ފުރޮޅުލީ ގޮނޑި ދީފަ އެވެ. އެއީ 50 އަސާއާއި 20 ފޮރޮޅުލީ ގޮނޑި އެވެ. އޭނާގެ ބުނި ގޮތުގައި އޭނާގެ އެއް އަމާޒަކީ އޭނާ އަށް އެނގިހުރެ އެސްލޯނު ހޮޅި ނުވަތަ ލަނޑިބުރިއެއް ހިފައިގެން ހިނގާއުޅެން އެއްވެސް މީހަކު ގެންގުޅަނަ ނުދިނުމެވެ. އެ އަމާޒުގައި އޭނާ ވަނީ ރާއްޖެ ތެރޭގައި ވެސް އެފަދަ މީހަކު ހުރިކަން އެނގިއްޖެ ނަމަ އެމީހަކަށް އަސާގަނޑު ފޮނުވާފަ އެވެ. އޭނާ ބުނަނީ ދުވަސްވީ މީހަކަށް އެ ފަދަ އެހީއެއްވާ އިރު އެމީހާ އަށް އަސާގަނޑެއް ނުލިބުނީ ކީއްވެތޯ އެއް އެ މީހަކީ ކޮން އާއިލާއެއްގެ މީހެއްތޯ ބަލަން ބޭނުންނުވާ ކަމަށެވެ.
"މިއީ ވަރަށް ދެރަވާ މަންޒަރެއް. ދުވަސްވީ ބައެއް މީހުން ބޭނުން ކުރޭ ހިނގާ އުޅުމަށް ކުނިކަހާ ފިހިގަނޑު. އެސްލޯނު ހޮޅިފަދަ އެއްޗެހި ވެސް މީހުން ހިނގާ އުޅޭ އަސައެއްގެ ގޮތުގައި. ކުރިއަރާފައިވާ ޒަމާނެއްގައި، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި އަގުބޮޑެތި ކާރުކޮޅުތަކުގައި މިއުޅޭ އިރު އާދައިގެ ރައްޔިތުން މި ބޭނުން ކުރަނީ ހިނގާބިނގާވެ އުޅެން ކުނިކަހާ ފިހިގަނޑާ އެސްލޯނު ހޮޅިބުރި. މި މަންޒަރު މިއީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫން،" ޔުނިވާސަލްގައި ވަޒީފާ އަދާކުރަމުންދާ ހިޝާން ބުންޏެވެ.
ހިދުމަތްތައް ދިނުމުގައި ސަރުކާރުން ވެސް އަދި އަމިއްލަ ފަރާތްތަކުން ވެސް ދުވަސްވީ މީހުނަށް ހާއްސަ ސަމާލުކަމެއް ނުގެންގުޅުންވީ އޭނާގެ އެންމެ ބޮޑު މައްސަލައަށެވެ. އެހެންކަމުން އެންމެ ބޮޑު މަސައްކަތްތަކެއް ކުރަމުންދަނީ އެ ތަފާތުތަކާ މެދު ކަމާ ބެހޭ މީހުންނާއި އާންމުގެ ސަމާލުކަން ގެނެސް އެ ތަފާތުތައް ނައްތާލުމެވެ. އެގޮތުން އޭނާ ކަންބޮޑުވުންތަކުގެ ވާހަކަތައް ކަމާ ބެހޭ ވުޒާތަކާއި ހިސާބަށް ގެންގޮސްގެން ވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަން އެނގުމުން އޭނާ ވަނީ އޭނާގެ ޝުރޫއުތައް ހިފައިގެން މާލެގެ މަގުމައްޗަށް ނިކުމެފަ އެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހިޝާން ދަނީ ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގޭ އިމާރާތުގެ ކުރިމަތި ހަމަހިމޭން މުޒާހަރާތަކެއް ކުރަމުންނެވެ. ބޮޑުތަކުގައި ފާޅުކޮށްފައިވާ ޝުއޫރުތަކުގައި ވަނީ އާންމުކޮންދޭ ހިދުމަތްތަކުގައި ދުވަސްވީ މިހުނަށާއި ނުކުޅޭދޭ މީހުނަށް އަޅާލުން ކުޑަވާތީ އެކަށް ހައްލެއް ގެނައުމަށެވެ.
ފެރީގެ ހިދުމަތްދޭއިރު ފެރީއެރުމުގަ އާއި ފެރީގައި އިނުމުގައި ވެސް ދުވަސްވީ މީހުނަށް ވަކި ފަސޭހަ ގޮތެއް ނެތުން އެއް މައްސަލައެކެވެ. ގިނަ ރަށުގައި އަރާ ފޭބުމުގައި އަދިވެސް ހުރި ދަތިތަކުގެ ވާހަކަ އެނާ ކޮންމެ ދުވަހު ކެނޑި ނޭޅި ދަނީ ދައްކަމުންނެވެ. ސިއްހީ ހިދުމަތްދޭ ކުލިނިކްތަކުގައި ލިފްޓް ނުހުރެ ދިއުން ފަދަ އެތައް ކަމެއް އިސްލާހް ކުރަން އޭނާ މަގުމަތި ބަހައްޓާ "ރީޑް ނޯޓިސްގައި" ލިޔެފަ ހުރެ އެވެ. އޭނާ އުފާ ކުރަނީ ގިނަ ބަޔަކު އެ ކިޔާތީ އެވެ. އަދި އަމަލީ ގޮތުން އޭނާ ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވެސް ފެންނަމުންދާތީ އެވެ. ބައެއް ކަންކަން އޭނާގެ އެކަނި އިހްތިޖާޖުތަކުގެ ސަބަބުން ރަނގަޅު ވެސް ކުރެ އެވެ.
އޭގެ އިތުރުން އޭނާ ވަގުތު ހޯދައިގެން ހޮސްޕިޓަލަށް ޒިޔާރަތްކުރެ އެވެ. ދުވަސްވީ މީހުނަށް އަޅާލުމުގައި ނަރުހުން އަމަލުކުރަމުންދާ ގޮތް އޭނާ ބަލަނީ އެތަނުގެ ސްޕައިވަޒަރެއް ފަދައިންނެވެ. އޭނާ އަމާޒަކަށް ވެފައި ވާނީ ނަރުހުނަށް ދުވަސްވީ މީހުނަށް އަޅާލުމާއި ބެހޭ ތަމްރީން ޕޮރްގުރާމްތައް ހިންގަން ފެށުމެވެ. އެއާއެކު ނަރުހުންގެ އޯގާތެރިކަން އެނާ ފާހަގަ ކުރަނީ ނަރުނަށް ސަރުކާރުގެ ސަމާލުކަން ނެތީތީ އެވެ. އެކި ހިދުމްތައްކުރާ މީހުނަށް ފްލެޓްތައް ދޭ ވާހަކަ ދައްކާއިރު ދުވަސްވީ މީހުނަށާއި އަޅާލުމަށް ބޭނުންވާ މީހުންގެ ހިދުމަތުގައި ތިބި ނަރުންނާއި ޑޮކްޓަރުނަށް ފެލްޓްތައް ހާއްސަކުރާ ވާހަކަނުއިވޭ ކަމަށް ބުނެ އެ ޝަކުވާތައް "ސަން"އާ ހިއްސާ ވެސް ކުރި އެވެ.
އޭނާއަށް ވަމުންދާ ދީލަތި އެހީތެރިކަމުގައި އޭނާގެ ގާތް އެކުވެރިންނާއި އަދި ބައެއް ބޭރުގެ އޭނާގެ ރައްޓެހިން އެނާއަށް އެހީތެރިވެދޭ ކަމަށް ބުންޏެވެ. އެގޮތުން އޭނާ އަށް އަސާގަނޑާއި ގޮނޑި ފަދަ އެއްޗެހި ރައްޓެހިންގެ ކިބައިން ލިބޭކަން އޭނާ ފާހަގަކުރީ އޭނަގެ މަސައްކަތުގައި އެހީތެރިވެދޭ ބަޔަކު ތިބީތީ ހިތްހަމަ ޖެހޭ ހާލުގަ އެވެ.
ހިޝާންގެ ދީލަތި އެހީތެރިކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދުވަސްވީ މީހުނަށް އަޅާލުމުގައި އެހީތެރިވާނެ ގޮތް ސްކޫލުތަކުގެ ދަރިވަރުންނަށް ދަސްކޮށްދެމުންނެވެ. އޭނާ ދެކޭ ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޯގާތެރިކަމާއި އަޅާލުން ސިފަ ހުރެ އެވެ. އަޅާލާނެ ގޮތް ނޭނގެނީ އެވެ.
ސްކޫލް ކުދިން ދުވަސްވީ މީހުނަށް އަޅާލުމާ މެދު ޝައުގުވެރިކަން އުފެއްދުމަށް އޭނަ މަސައްކަތް ފެށީ ގަލޮޅު މަދުރާސާއިންނެވެ. ދުވަސްވީ މީހަކަށް ހިނގާ އުޅޭނެ އަސާގަނޑެއް އޭނާ ބޭނުންވީ ގަލޮޅު މަދަރުސާގެ ކުދިންތަކެއް ލައްވާ ދުވަސްވީ މީހުނާއި ހަވާލުކުރުމެވެ. އެކަން އޭނާ ސިލްސިލާކޮން ކުރުމަކީ އޭނާގެ އަޒުމެވެ. އޭނާ އަދިވެސް ހުރީ ވީ ވަރަކުން ދުވަސްވީ މީހުނަށް އޭނާގެ އަޅާލުން ލިބުނު ވަގުތެއްގައިވިއްޔާ ހިލޭ ސާބަހަކަށް ދިނުމަށެވެ.