15 Aug 2013, 02:45
ސްޓެލްކޯ އަށް ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން ހުޓާލިކަން އަންގައި މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯ އަށް ފޮނުވި ސިޓީ ސިވިލް ކޯޓުން ބާތިލް ކޮށްފި އެވެ.
ސިވިލް ކޯޓުން އެ ސިޓީ ބާތިލްކޮށްފައި ވަނީ ސްޓެލްކޯ އަށް ދެމުންގެންދާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލިކަން އަންގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ސިޓީއެއް ފޮނުވާފައިވާތީ ސްޓެލްކޯ އިން އެކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.
ސިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ދަލަކަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އާއި ޚިލާފުވާފަދަ ގޮތަކަށް އޮތް ސިޓީއަކަށް ވާތީ އެ ސިޓީ ބާތިލް ކުރީ ކަމަށެވެ.
ސްޓެލްކޯ އިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މާލޭ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރެއިން އަންނަ ކަންކަމުގައި ސްޓެލްކޯ އަށް އެއްބާރުކުންދީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ އުސޫލުތަކުގެ ތެރެއިން ކަންކަން ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އެއްވެސް ޝަރުތަކާ ނުލައި މާލޭގެ މަގުތައް ކޮނެ އެ މަގުތަކުގައި މަސައްކަތް ކުރުމަށް ހުއްދަ ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ސްޓެލްކޯ އިން އެދުނުނަމަވެސް އެފަދަ އަމުރެއް ނެރެންޖެހޭ ގާނޫނީ ހަމައެއް ނެތްކަމަށެވެ.