ގާހިރާ: (14 އޯގަސްޓް 2013) - މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައި މިވަނީ، މިސްރުގެ ވެރިކަމުން ދުރުކުރެވުނު އެ ގައުމުގެ އިންތިހާބީ ރައީސް މުހައްމަދު މުރުސީއަށް ތާއިދު ކުރާ ފަރާތްތަކާއި އޭނާގެ މުސްލިމް ބްރަދަހޫޑްގެ މެންބަރުން ގާހިރާގެ ދެ މައިދާނެއްގައި ކޭމްޕު ޖަހައިގެން މުޒާހަރާކުރަމުން ގެންދަނިކޮށް އެތަން ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުންނެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި، ފުލުހުން ވަނީ، މުސްލިމް ބްރަދަހޫޑްގެ ބޮޑެތި ލީޑަރުން ހައްޔަރުކޮށް މުޒާހަރާ ކުރަމުންގެންދިޔަ ސަރަހައްދުތައް ކޮންޓްރޯލް ކޮށްފަ އެވެ. އަދި އެ އޮޕަރޭޝަންގައި 149 މީހުން މަރުވެފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މުސްލިމް ބްރަދަހޫޑްއިން ބުނިގޮތުގައި ބުދަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މިސްރު ސަރުކާރުން ކުއްލި ހާލަތު އިއުލާންކުރުމުން އެމެރިކާއިން އެކަން ކުއްވެރިކޮށްފައިވާއިރު، މަސްދުވަހަށް ދިގުދެމިގެންދާ ގޮތަށް އިއުލާނުކޮށްފައިވާ ކުއްލި ހާލަތުގައި، ގާހިރާއާއި އަދިވެސް ބޮޑެތި ބައެއް ޕްރޮވިންސްތަކުގައި ރޭގަނޑު 7:00 އިން ހެނދުނު 6:00އަށް އާންމުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

"ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، ހަރުކަށި ޖަމާއަތްތަކުން ގަސްދުގައި އިމާރާތްތަކާއި އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުންދީ، އެތައް ބައެއްގެ ފުރާނަ ގެއްލި ގައުމުގެ ސަލާމަތަށް ނުރައްކާ ވުމުންނެވެ." ކުއްލި ހާލަތު އިއުލާނުކޮށް ނެރުނު ރިޔާސީ ބަޔާނުގައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ސަލަމަތީ ބާރުތަކުން ބަރު ހަތިޔާރުއެޅި ބުލްޑޯޒަރުތަކާއެކު ކޭމްޕުތަކަށް ހަމަލާދިން ވަގުތު، އާންމުންގެ ތެރެއަށް ކަރުނަ ގޭސް ޖަހައި ބަޑިން ހަމަލާ ދީފައިވާއިރު އެ ހިސާބުގަނޑު ސިފަކުރެވެނީ ކަޅުކުލައިގެ ބޯ ވިލާގަނޑެއްގެ ސިފައިގަ އެވެ.

މުރުސީއަށް ތާއީދުކޮށް މުޒާހަރާކުރާ ފަރާތްތަކުންނާއި މުސްލިމް ބްރަދަހުޑްއިން ގޮވަމުން ދަނީ، އެގައުމުގެ ރައީސްކަމަށް މުރުސީ އަނބުރައި ރުޖޫއަކޮށްދިނުމަށެވެ.

ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް ކުށްވެރިކޮށްފައިވާއިރު، ޔޫރަޕިއަން ޔޫނިއަންއިން ވެސް ވަނީ، އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

މުޒާހަރާކުރަމުން ގެންދިޔަ މައިދާންތައް ސާފުކުރުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތް، ތުރުކީގެ ބޮޑުވަޒީރު ތައްޔިބު އެރްދޮގާން ސިފަކުރަށްވާފައިވަނީ، ލާއިންސާނީ ޖަރީމާއެއްގެ ގޮތުގަ އެވެ. އަދި އެ މަނިކުފާނު ވަނީ، އެކަމާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް އދ. އަށާއި އަރަބިލީގަށް ގޮވާލައި، އެކަމާ އަޅާނުލައި ހަމަ ހިމޭނުން ތިބޭ ގައުމުތަކަކީ އަނިޔާވެރިކަމަށް މަގުފަހިކޮށްދޭން ތިބޭ ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.