ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ކުރިން 60،000 ދިވެހިންނާ ސުވާލު ކޮށްގެން ދިރާސާއެއް ހަދާފައިވާނެ ކަމަށާ ޕީޕީއެމްއާ ކޯލިޝަން ހަދާފައި ވަނީ އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމް ކަމަށް ނަތީޖާއިން ދެއްކުމުން ކަމަށް މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.

މިރޭ ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް ވިދާޅުވީ ޕީޕީއެމްއާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ އެ ޕާޓީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ހުންނެވުމުން ނުވަތަ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީނަށް ވުމުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ހެދި ސާވޭއިން މި ދައްކަނީ ޕީޕީއެމް އެއްވަނައަށް އަންނަ ކަމަށް. ދެން އެވަރުން ނުފުދިގެން އަޅުގަނޑުމެންގެ ކައުންސިލް މެމްބަރުންނާއި އަޅުގަނޑުމެންގެ ޕާޓީގެ ބައެއް ހެޔޮ އެދޭ ފަރާތްތަކުން މިދިޔަ ރޯދަ މަސް އެއްކޮށް ކުރި މަސައްކަތުގައި ވަކި ވަކި އަތޮޅަށް ގޮސް، އަތޮޅުތަކުގައި ތިބި އެންމެ އިސް ކައުންސިލަރުންނާއި އަތޮޅުތަކުގައި އެންމެ އިސް ސަފުގައި ތިބި މީހުން ގެނެސް އަޅުގަނޑުމެން ވޯޓަށް އެހިން. އަޅުގަނޑުމެންނަށް ވޯޓަށް އައީ ކޯއްޗެއްތޯ؟ އަނެއްކާވެސް ހަމަ ވޯޓުން އެއްވަނައަށް އައީ ޕީޕީއެމް،" ސިޔާމް ވިދާޅުވި އެވެ.

ރޭގައި އޮތް އެއްވުމަށް ފަހު ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިޔާމު ވިދާޅުވީ އޭނާގެ ވާހަކަފުޅުގައި ފާހަގަކުރި ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތާއި އެމެރިކާގެ ތަޖުރިބާކާރުންގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 60،000 މީހުންނާ ސުވާލުކުރުމަށް ފަހު ކަމަށެވެ.

"ސިޔާސީ މިކަހަލަ ކަންކަމުގައި ތަޖުރިބާ ހުންނަ ބޭފުޅުން އަޅުގަނޑުމެން އެމެރިކާއިންނާއި އިނގިރޭސިވިލާތުން ގެނައިން. އޭގެ އިތުރަށް އަޅުގަނޑުމެންގެ ތެރެއިން ގާތްގަނޑަކަށް 40 އަކަށް ދިވެހިން ބައިވެރިވެގެން މިހާ ހިސާބަށް 60،000 މީހުންގެ ހިޔާލު މިވަނީ ހޯދިފައި. ކޮންމެ ފަހަރަކު ވެސް ނަތީޖާއިން ދައްކަނީ ޕީޕީއެމް އިންތިހާބު ކާމިޔާބުކުރާނެ ކަމަށް،" ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނަތީޖާތަކަށް ބަލާއިރު އެންމެ ފަސޭހައިން މި އިންތިހާބު ކާމިޔާބުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ފާގަތި ދިރިއުޅުމެއް ހޯދައިދެވެން އޮތީ އަބްދުﷲ ޔާމީންގެ ކެންޑިޑެސީގައި ކަމަށެވެ.

ޕީޕީއެމްއާ އެކު އެމްޑީއޭއިން ކޯލިޝަން ހަދާފައި ވަނީ އެތައް ދުވަހެއް ވަންދެން ދެ ޕާޓީގެ ދެމެދުގައި މަޝްވަރާތަކެއް ކުރުމަށް ފަހުގަ އެވެ.

ސިޔާމް ވިދާޅުވީ ޕީޕީއެމްއިން މިހާތަނަށް ހުށަހަޅާފައިވާ ސިޔާސަތުތަކާ މެދު އެމްޑީއޭއިން ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތްތާގައި ޕީޕީއެމްއިން ލޯންޗުކުރާ ސިޔާސަތުތަކަށް އެމްޑީއޭގެ ހިޔާލު ވެސް ދެމުން ގެންދާނެ ކަމަށެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސް ކަމަށް މީހަކު ހޮވާ އިރު، ފާއިތުވި ތަނުން އިބުރަތް ހޯދަން ޖެހޭނެ ކަމަށާއި ގައުމުގެ ހަރު މުދަލާއި ދަރީންގެ މުސްތަގުބަލު ވިއްކައިލާ ފަދަ މީހަކަށް އެ ފަދަ މީހަކު ވެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ އުފަލާއި ހިތްހަމަޖެހުމާއި ތަރައްގީ ގެނެސްދެވޭނެ ހަރުދަނާ ކެންޑިޑޭޓަކަށް ފެންނަން ހުރީ ޔާމީން ކަމަށެވެ.

އެމްޑީއޭ ޕީޕީއެމްއާ ގުޅުމުން ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ލިބިގެންދާނެ ތާއީދަށް އަންނާނެ ބަދަލާ ބެހޭ ގޮތުން ސަން އިން ސުވާލުކުރުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ އެމްޑީއޭއަކީ ނ. އަތޮޅާއި ހއ. އަތޮޅާއި، ދ. އަތޮޅުގެ ބޮޑެތި ރަށްތަކުގައި ތާއީދު އޮތް ޕާޓީއެއް ކަމުން މި ކޯލިޝަންގެ ސަބަބުން ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށެވެ.

"އެމްޑީއޭގައި ހާއްސަ އަތޮޅުތަކެއް އެބަހުރި. ނ. އަތޮޅާއި، ދ. އަތޮޅާއި، ދެން ހއ. އިން ވެސް ބޮޑެތި ރަށްރަށް ކަމަށް ބަލަންޏާ ހޯރަފުށި އަދި އަނެއްކާ ގއ. ގަ ވެސް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ސީދާ އެމްޑީއޭގައި ތިބި މެމްބަރުންނަށް ބަލާއިރު ވެސް 10،000 އާއި 12،000 ދޭތެރޭގެ އަދަދެއް މިއީ. އެމްޑީއޭއާ އަޅުގަނޑުމެންނާ ގުޅުމަކީ މިއީ ވޯޓަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް" ޔާމީން ވިދާޅުވި އެވެ.