މުދާ ކުލިއާކުރުމަށް ހުށައަޅަންޖެހޭ ލިޔެންތަކާއި ހިދުމަތް ހޯދުމަށް ނަގާ ވަގުތު ކުޑަވެ، ހިދުމަތް ފަސޭހަކުރުމަށް މޯލްޑިވްސް ކަސްޓަމް ސާވިސްއިން ޓްރޭޑް ފެސިލިޓޭޝަން ޕެކޭޖް އިފްތިތާހްކޮށްފި އެވެ.

ކަސްޓަމްގެ 123 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިރޭ ބޭއްވި އަހަރީ ޖަލްސާގައި އެ ޕެކޭޖް ތައާރަފްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދެވެ.

ކަސްޓަމްސްއިން މިއަދު ބުނީ އެޕެކޭޖާއެކު މުދާ ކުލިއާކުރުމަށް ހުށައަޅަންޖެހޭ ލިޔެންތަކާއި އެހިދުމަތް ހޯދުމަށް ނަގާ ވަގުތު ކުޑަވެ ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ކަސްޓަމްގެ ހިދުމަތްތަކަށް އެދެވުމާއި ޑިއުޓީ ދައްކަން ކޮންމެ ފަހަރަކު ކަސްޓަމްސްއަށް ދިއުމުގެ ބަދަލުގައި ކުންފުނީގެ ނަމުގައި އެކައުންޓެއް ހުޅުވައި އެ ޝިޕްމަންޓަކަށް ދައްކަން ޖެހޭ ފައިސާ އެ އެކައުންޓުން ކެނޑޭނެ ހިދުމަތަކާއި ކިއޯސް މެޝިނުގެ އެހީގައި ޝިޕްމަންޓްތަކުގެ މައުލޫމާތް ހޯދުމުގެ ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި އިންޓަނެޓް ބެންކް މެދުވެރިކޮށް ކަސްޓަމްސްއަށް ފައިސާ ދެއްކުމުގެ ހިދުމަތާއި މުދަލެއް ގެނައުމުގެ ކުރިން ޑިއުޓީއަށް އަރާ މިންވަރުގެ މައުލޫމާތު ސާފްކުރެވޭނެ ހިދުމަތްތައް އެ ޕެކޭޖުގައި ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ޕެކޭޖް ތައާރަފްކުރުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޓްރޭޑް ފެސިލިޓޭޝަން ޕެކޭޖްއާއެކު ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެފަދަ ލުއި ފަސޭހަ ހިދުމަތްތައް ތައާރަފްކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކަސްޓަމްސްގެ މުވައްޒަފުންގެ މަސައްކަތް އަގުވަޒަންކޮށް ޝުކުރު އަދާކުރަމުން ރައީސް ވަހީދު ވިދާޅުވީ ގިނަ އަހަރު ތަކަކަށް ފަހު މުވައްޒަފުންނަށް މަގާމްގެ ކުރިއެރުން ލިބޭތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އެގޮތުން މިފަހަރު 400 ވަރަކަށް މުވައްޒަފުންނަށް ކުރިއެރުން ލިބޭ ކަމަށާއި ކަސްޓަމްސްގެ މަސައްކަތް ދަނީ އަހަރުން އަހަރުން ކުރިއެރުން ލިބެމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވާހަކަ ފުޅުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކަމާއި ގުޅޭ މުއައްސަސާތައް އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. އަދި ކަސްޓަމްގެ ކުރިއެރުމަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.