15 Aug 2013, 01:19
އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ވެއްޖެނަމ،ަ ފަސް އަހަރު ދުވަހު ތެރޭގައި އެއް ބިލިއަނެއްހާ ރުފިޔާ ހަމައެކަނި ޒުވާނުންގެ ކުޅިވަރު ތަރައްގީކުރަން ހަރަދުކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯ އިއުލާން ކުރެއްވުމަށް މިރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން ވިދާޅުވީ ރާއްޖޭގެ އަބާދީ 52 ޕަސެންޓަކީ ޒުވާނުންނަށް ވާއިރު ޒުވާނުންގެ ދުޅަހެޔޮ ކަމަށާއި ކުޅިވަރަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނެއްހާ ރުފިޔާ ހޭދަކުރެއްވުމަކީ ބޮޑު އެއްޗެއް ނޫން ކަމަށެވެ.
"އަޅުނގަޑުމެން މި ހުށައަޅާ ގާތްގަނޑަކަށް 30 ހަކަށް އެކިއެކި ކަންތައްތަކުގައި މިބޭފުޅުން ކަނޑައަޅުއްވާފައި މިއޮތީ އެއް ބިލިއަނެއްހާ ރުފިޔާ. އެއީ ފަސްއަހަރުގެ މުއްދަތަށް. ޒުވާނުންނަކީ އާބާދީގެ ސައްތައަކުން 52 އަކަށްވާއިރު އަޅުގަނޑުމެންގެ ވިސްނުމުގައި އެއް ބިލިއަން ރުފިޔާ އަކީ ޒުވާނުންނަށް ހޭދަކުރަން އެވަރެޖުކޮށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 300 މިލިއަން ނޫނީ އެއަށްވުރެ ކުޑަތަންކޮޅެއް އިތުރު އަދަދެއް. އެވަރު ހޭދަކޮށްގެން ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހިންގުމަށް އެއީ ބަޖެޓުން ކުރާ ބޮޑު ހޭދައެއްގެ ގޮތުގައި އަޅުނގަޑު ނުދެކެން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅިވަރަކީ ހަމައެކަނި މަޖާ ކުރުމާއި ސަކަރާތް ޖެހުމެއް ނޫންކަމަށާއި އެއީ މީހާގެ ހަށިގަނޑު ނަފްސު އެއަށްވުރެ މާ ވަރުގަދަ ގައުމީ ޒިންމާތަކެއް އުފުލުމަށް ތައްޔާރުކުރާ ހަރަކާތެއް ކަމަށެވެ. އަދި އެއީ އެ ހަރަކާތަކުން ސިޔާސީ ކަންތައްތަކުގައި އެއްގަލަކަށް އަރުވާ ހަރަކާތެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން އެޕާޓީން އެކުލަވާލާފައިވާ ކުޅިވަރު މެނިފެސްޓޯއިން ހާސިލްވާ ކަންތައްތަކަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ވަޒީފާ އާއި ހަށިގަނޑުގެ ތަރުބިއްޔަތާއި މުނިފޫހިފިލުވުމާއި ކުޅިވަރު މި މެނިފެސްޓޯގައި ހިމެނޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން މާލޭގައި ހަމައެކަނި ގާއިމްވެފައިވާ ކުޅިވަރުގެ މާހައުލު، ލާމަރުކަޒީވެ ރާއްޖެތެރޭގެ ރަށްރަށަށް ފެތެރިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓު ތަރުތީބު ބަދަލުކޮށްލައިގެން ޒުވާނުންނަށް ކުރާ ހަރަދު ފަސްގުނަ އިތުރުކުރާނެ ކަމަށެވެ. އެގޮތުން ޕިޕީއެމްގެ ސަރުކާރެއްގެ ފަސް އަހަރު ނިމިގެންދާއިރު ޒުވާނުންނަށް ބޭނުންވާ ހުރިހާ ކުޅިވަރު އިންފްރާސް ސްޓްރަކްޗާއެއް ޕީޕީއެމުން ކަނޑައަޅާ ސަރަހައްދުތަކުގައި ގާއިމް ކުރެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުނގަޑުމެންގެ ފަސްއަހަރެއް ނިމިގެންދާއިރު ޒުވާނުންނަށް ބޭނުންވާ ހުރިހާ ކުޅިވަރު އިންފްރާސް ސްޓަރަކްޗާއެއް އަޅުނގަޑުމެން މި ކަނޑައަޅާ އާބާދީ ހިމެނޭ ސަރަހައްދުތަކުގައި އޭގެ ފަހުން ވަޑައިގަންނަވާ ސަރުކާރަކަށް ނޫނީ ރައީސްއަކަށް ކުރިއަށް އޮތް ދިހަ އަހަރަށް އިންފްރާސްޓަރަކްޗާ އަށް ދައުލަތުން ހަރަދު ކުރަން ނުޖެހޭ މިންވަރަށް ގާއިމްކޮށްދޭނަން،" ޔާމީން ވިދާޅުވި އެވެ.
ހުޅުމާލެ ޒުވާނުންގެ އަވަށެއްގެ ގޮތުގައި ހެއްދެވުމަށް ގެންގުޅުއްވާ ސިޔާސަތަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޒުވާނުންގެ ގިނަ އިންފްރާސްޓްރަކްޗާތަކެއް ދެން ހިންގަމުންދާނީ ހުޅުމާލޭގައި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ސަރުކާރެއްގައި 50،000 އެއްހާ ޒުވާނުންނަށް އެކޮމަޑޭޓް ކުރެވޭގޮތަށް ހުޅުމާލޭގައި "ޔޫތް ސިޓީ" އެއް ގާއިމް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެެވެ.
ޕީޕީއެމުން މިއަދު އިއުލާންކުރެއްވި ކުޅިވަރު މެނިފެސްޓޯގައި ވަނީ ޖުމްލަ 33 ވައުދެއް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެ މެނިފެސްޓޯގައި ގައުމީ ކުޅުންތެރިންނަށް ފޯރުކޮށްދޭނެ ކަންތައްތަކާއި އެސޯސިއޭޝަންތަކާއި ކްލަބްތަކަށް ހާއްސަ މެނިފެސްޓޯތަކެއް ހިމެނެއެވެ. އަދި އޭގެ އިތުރުން ދިވެހިންގެ ސަގާފީ ކުޅިވަރުތަކާއި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް މެނިފެސްޓޯއެއް ހިމަނާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.