14 Nov 2010, 08:43
ބ. ތުޅާދޫގައި ތަޅާފޮޅުންތަކެއް ހިންގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު، ނަން ހާމަ ނުކުރުމަށް އެދި މިއަދު ބުނީ ތަޅާފޮޅުން ފެށިފައި ވަނީ ރޭ ނުވައެއް ޖަހާ އެހާކަންހާއިރު ރަށު ޒުވާނުންގެ ބަޔަކު އެ ރަށުގެ ގެއަކަށް ވަދެ އެގޭގައި ތިބި މީހުންނަށް އަނިޔާ ކުރުމުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ގްރޫޕާ ދެކޮޅަށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުތުމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި މާރާމާރީ ހިނގައި ބައެއް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ރަށުގައި އުޅޭނެ ބޯއީ ޒޯންކިޔާ ގްރޫޕެއް، އެ ގްރޫޕުން ގެއަކަށް ގޮސް އެ ގޭގައި ތިބި މީހުންގެ ގައިގައި ތަޅައިގަތީ. ރޭ ނުވައެއްޖަހާ އެހާކަންހާއިރު އެކަމެއް ހިނގީ. އެކަން ހިނގުމާ ގުޅިގެން އެ މީހުންނާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނިކުތުމުގެ ސަބަބުން ދެ ފަރާތުގައި ހަމަނުޖެހުން ހިނގީ. ވަރަށް މަތީގައި އެކަން އުޅެނީ. މިހާރު ޓާސްފޯސް ވެސް ރަށަށް އެބަ އާދޭ." އޭނާ ބުންޏެވެ.
އެ ހާދިސާގައި ޒަހަމްވި މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ވެސް އެހީތެރިވި އެ މީހާ ބުނީ، މިއަދު ހެނދުނު ވެސް ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ކަމަށާއި މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނު ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަޕް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، ތުޅާދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށް ދިއަކަން ޔަގީންކޮށް ނުދެއްވުމުގެ އިތުރަށް އިތުރު ތަފްސީލެއް ވެސް އޭނާ ނުދެއްވި އެވެ.