ޤާހިރާ (14 އޯގަސްޓް 2013) - މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ވަގުތީ ނައިބު ރައީސް އަދި އިސްލާހީ މަސައްކަތުގެ ލީޑަރު މުހައްމަދު އަލްބަރާދައި އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަލްބަރާދީ އިސްތިއުފާ ދެއްވާފައި ވަނީ، އެ ގައުމުގެ ރައީސްކަމުން މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ދުރުކުރެވުނު އެގައުމުގެ ރައީސް ޑރ. މުހައްމަދު މޫރުސީ އަށް ތާއީދު ކުރާ ފަރާތްތަކުން ކޭމްޕުޖަހައިގެން އިނށީދެ ތިބެ ކުރަމުން އައި މުޒާހަރާ ރޫޅާލުމަށް އެގައުމުގެ ފުލުން ދިން އަނިޔާވެރި ހަމަލާތަކާ ގުޅިގެން އެތައް ބަޔަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.

"މިއަދު ގައުމުގައި ހިނގާދިޔަ ކަންތައްތަކުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ، އަނިޔާވެރިކަމާއި، ޓެރަރިޒަމަށް ގޮވާލާ ހަރުކަށި ޖަމާއަތްތަކަށެވެ،" ބަރާދައިގެ އިސްތިއުފާ ސިޓީގައިވެ އެވެ.

ބަރާދައިގެ ސިޓީފުޅުގައި ވަނީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި، މުޖްތަމައުގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކީ ހައްލުކުރުމަށް ގަބޫލުކުރެވޭ ފަދަ ހައްލުތަކެއް ފެށުނީއްސުރެން ވެސް ހުށަހެޅެމުން ދިޔަކަމަށެވެ.

ބަރާދައި އިސްތިއުފާ ދެއްވިކަން އަންގަވައި، މިސްރުގެ ވަގުތީ ރައީސް އަދްލީ މަންސޫރަށް ލިޔުއްވާފައިވާ އިސްތިއުފާގެ ސިޓީފުޅުގައި ވަނީ، "ގައުމުގައި އޮހޮރޭ އެންމެ ލޭތިއްކެއްގެ" ޒިންމާ ނަންގަވަން ވެސް އެމަނިކުފާނު ތައްޔާރުވެވަޑައިގެން ނެތްކަމަށާއި އަދި އަނިޔާވެރިކަން އިސްކޮށްގެން އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށާއި ގައުމުގެ ހާލަތު އޭނާ އެމަގާމާ ހަވާލުވެވަޑައިގެންނެވި އިރަށްވުރެ ވަރަށް ބޮޑުތަން ދަށަށް ގޮސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަވާކަމަށް ވެސް ބަރާދީ ވަނީ އިސްތިއުފާގެ ސިޓީގައި އިންޒާރު ދެއްވާފަ އެވެ.

"އަޅުގަނޑަށް ގަބޫލު ނުކުރެވޭ ނިންމުން ތަކެއްގެ ސަބަބުން ހިގަމުން މިދާ ކަންތައްތަކުގެ ޒިންމާ ނަގަން އަޅުގަނޑަށް މިހާރުވަނީ ދަތިކަމަކަށް ވެފައެވެ. އަދި އޭގެ ސަބަބުން އޮހޮރޭ އެންމެ ލޭތިއްކެއްގެ ޒިންމާ ނަގަންވެސް އަޅުގަނޑަށް ތަހައްމަލެއް ނުކުރެވޭނެ އެވެ." ބަރާދައި ވިދާޅުވެފައިވެ އެވެ.