14 Aug 2013, 23:49
ފަރީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 11:30 ހާއިރު ހިނގި ހާދިސާގައި ޒަހަމްވި މީހާއަށް އޭޑީކޭގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިހާދިސާގައި ޒަހަމްވީ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން ބުނީ ފަރީދީމާގު އެފްޑީއައި ކައިރީން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު އެމް އެޗް އޭ ކައިރިން ދުވެފައިދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަނގްލަދޭޝްގެ 28 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ހަމަލަދޭން ބޭނުކުރި ކަމަށް ބެލެވޭ ވަޅިއެއް މި ހާދިސާ ހިނގި ސަރަހައްދުން ފުލުހުން ވަނީ ހޯދާފައި. މި ހާދިސާގައި ހަމަލާދީފައި ވަނީ އެ މީހާގެ ކަރަށް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.