އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ހިނގާފާނެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތްތަކާ ބެހޭ ގޮތުން ފުލުހުންނަށް މައުލޫމާތުދީފި އެވެ.

"އޮޕަރޭޝަން ބްލޫ ވޭވްސް"ގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތާ ބެހޭ މައުލޫމާތު ދިނީ މިރޭ 8:30 ގައި އިސްކަންދަރު ބިލްޑިންގައި އެވެ. އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އޮޕަރޭޝަން ބްލޫ ވޭވްސްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ބައްދަލުވުމުގައި އެ ދުވަހު ހަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރުން އެ އޮޕަރޭޝަން ކުރިއަށްދާއިރު ފުލުހުންގެ ހިޔުމަން ރިސޯސްގެ ކަންތައްތަކާއި ލޮޖިސްޓިކް ސާވިސްގެ ކަންތައްތައް ގެންދިޔުމަށް ހަމަޖެހިފައިވާ ގޮތްތަކާއި އަތޮޅުތެރެއަށް ވޯޓު ސެކިޔުރިޓީ އަށް ދާ ފުލުހުން ދާންޖެހޭ އަތޮޅުތަކުގައި ކަންކަންރޭވިގެން ކުރިއަށް ދާނެގޮތްތަކާ ބެހޭ ގޮތުން ވެސް ދީފައިވާ ކަމަށެވެ.

"މި ސެޝަނުގައި އޮަޕަރޭޝަންގެ މަޢުލޫމާތުދިނުމަށް ފަހު މެރިން ޕޮލިސްގެ ފަރާތުން އޮޕަރޭޝަން ބްލޫ ވޭވްސްގައި އަތޮޅުތެރެއަށް ދާ ފުލުހުން މާލެއިން ފުރަން ޖެހޭ ދުވަސްތަކާއި އަތޮޅުތެރެއަށް ދަތުރުތައް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުން ފުލުހުންނަށް މަޢުލޫމާތުދީފައިވޭ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އަތޮޅުތަކަށްދާ ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި ވޯޓު ސެކިޔުރިޓީގައި ހަރަކާތްތެރިވާއިރުއާއި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި އުޅޭއިރު ވިސްނަން ޖެހޭ ކަންތައްތަކާއި ފުލުހުންގެ ޑިޔުޓީ އަދާކުރުމުގައި އުޅޭއިރު ކުރަންނުވާނެ ކަންތައްތަކާއި ފުލުހުންގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.