(11 އޯގަސްޓްގެ އަދަދާއި ގުޅޭ)

ވަޔާއެކު ނަށަމުން ދިޔަ ދޮރު ފޮތިތަކެވެ. ބިއްލޫރި ކުޑަދޮރު ތަކުން ފެންނަމުން ދިޔަ އެއީ އެންމެ ފުރިހަމަ އެއް މަންޒަރުކަން ޔަޤީނެވެ. ރޭގަނޑުގެ އަނދިރީގައި ތިރީގައިވާ އެތައްބައިރު އިމާރާތްތައް ދިއްލާ އަޅާފައިވާއިރު ކުދި ކަމުން އެއީ ބޮކިތަކެއް ފަދައިން ފައުޅުވަމުން ދިޔައެވެ. ކޮޓަރީގައި ދިއްލާފައިވާ އުއްބައްތި ތަކުގެ އަލި ނޫން އިތުރު އަލި ކަމެއް ނެތުމުން ހުވަފެނީ ގޮތެއް ހުއްޓެވެ. ފައިދަށުގައި އޮތް ހުދު ކާޕެޓް ފޮރުވޭވަރަށް ފިނިފެންމާ ފިޔަ އަޅާލައިފައި ހުރުމުން އެހާމެ ފުރިހަމައެވެ. ދެޒުވާނުން އެކުއެކީގައި އެތެރެއަށް ވަދެގެން ގޮއްސައި ކުއްލި އަކަށް ކަމެއް ހަނދާން ވެގެން ޒޯހާ ހުއްޓުނެވެ.

"އެބަ އަންނަން." ޒޯހާ އިޔަންއަށް ފުރުސަތެއް ނުދީ އަނެއް ފަރާތަށް އެނބުރިފައި ކޮޓަރިން ނިކުންނަން ދިޔައެވެ. އެކޮޓަރިން ނިކުމެގެން ޒޯހާ ގޮސް ވަނީ ކުރީން އުޅުނު ކޮޓަރިއަށެވެ. އެނދުމަތީގައި މިއަދު ބާޒާރުން ގަނެގެން ގެނަ ބައެއް އެއްޗެހި އަދިވެސް އެބަހުއްޓެވެ. އަލަމާރި ކޮނޑު އަޅުވާ ބައިން ޒޯހާ ނެގީ ނިކަން ކުރު އަދި އެހާމެ ނިވާކަންކުޑަ ރަތްކުލައިގެ ނިހާހެދުން ކޮޅެކެވެ. އެއީ ނަވަލްގެ ހަދިޔާ އެކެވެ. އެހެދުން ކައިވެނީގެ ރޭ ލާން ޖެހޭނެ ކަމަށް ބުނެ ނަވަލް ބާރު އެޅިވަރު ހަނދާންވެފައި ޒޯހާ ހިނި އައެވެ.

ހެނދުން ލައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުމުން ޚުދު ޒޯހާ ވެސް ލަދު ގަނެއްޖެއެވެ. އަދި އެގޮތަށް އިޔަން ކުރިމައްޗަށް ދާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ދެފިކުރެއްގައި ހުރެފައި ޒޯހާ ހުޅިގަނޑު މޮހައިލި އެވެ. އިސްތަށިގަނޑު ވިހުރާލައި ތުންފަތުގައި ލިޕްސްޓިކް ވެސް ޖައްސާލައިފި އެވެ. ކުދި ފިޔަވަޅު ތަކެއްގައި ގޮސް އިޔަންގެ ކޮޓަރިއަށް ވަންއިރު އިޔަން ކޯޓު އަލަމާރީގައި އަޅުވާފައި ގަމީހުގެ އަތުކުރީ ގޮށް ނައްޓަން އުޅެއެވެ. "ވާއު!" އިޔަންއަށް ޒޯހާ ފެނިގެން ހަރަކާތް ހުއްޓުނެވެ. "ޔޫ ލުކް ބިއުޓިފުލް!" އިޔަން ތައުރީފް ކޮށްލިއެވެ. ޒޯހާ އިސްޖަހައިގެން ގޮސް އިޔަންގެ ކައިރިއަށް ހުއްޓިފައި އަތުކުރީ ގޮށް ނައްޓަން ފެށިއެވެ. ޒޯހާ އެމަސައްކަތް ނިންމާފައި އިޔަންގެ ޓައީވެސް ބާލައިދިނެވެ. ޓައީ އަލަމާރިއަށް ލާންވެގެން އެނބުރިލި ތަނުން އިޔަން އަތުގައި ހިފެހެއްޓިއެވެ. ޒޯހާ ސިއްސައިގެން ގޮއްސައި ޓައީވެސް އަތުން ދޫވިއެވެ.

އިޔަން ޒޯހާ މަގަތަށް އަނބުރާލައިފައި އެމޫނުގައި ދެއަތުން ހިފަހައްޓައިލިއިރު ހުރެވުނީ ދާދި ކައިރީގައެވެ. އެވަގުތު ޖަވާހިރެއް ފަދައިން ވިދުންވި ޒޯހާގެ ކަޅުކުލަ ގަދަ ރީތި ދެލޮލާއި މަޑު ތުރު ތުރެއްވި ރަތް ތުންފަތް ފެނިފައި އިޔަންއަށް އިތުރަށް ކެތްކުރަން އުދަނގޫވިއެވެ. އިޔަންގެ ހަރަކާތް ހުރީ ކަރު ހިއްކައިގެންފައިވާ މީހަކަށް ފެންފޮދެއް ލިބުމުން އުޅޭހެން އަވަސް އަރުވާލައިފައެވެ. ޒޯހާ ފުރަތަމަ ލޯ މަރައިލާފައިވެސް އިރުކޮޅަކުން ލޯ ހުޅުވައިލި އެވެ. އިޔަން ދިގުވެ ކޮރާލައިގެން ޒޯހާ ހުއްޓާ އިޔަން އެއުނަގަނޑުގައި ދެއަތުން ހިފާލައި ބިމުން ހިއްލައިލި އެވެ. ޒޯހާ އިޔަންގެ އުރުގައި ރީތިކޮށް ހަމަޖެހިލުމުގެ ގޮތުން އިޔަންގެ އުނަގަނޑާއި ހިސާބުގައި ދެފަރާތުން ލޮކް އަޅުވާފައި އެއިސްތަށިގަނޑަށް އަތުގެ އިނގިލިތައްވެސް މަހައި ވާންކޮށްލެވުނެވެ.

ކުރި ނުބަލައި އެނދާއި ދިމާއަށް ހިނގައިގަތުމުން އިޔަންގެ ފައި ލިޔާ މޭޒު ފައެއްގައި އަޅައިގަތެވެ. ދެމީހުން އެކީ ނުވެއްޓުނީ ކިރިޔާއެވެ. އިޔަން ބެލެންސް ކުރަންވެގެން މޭޒުގައި އެއް އަތުން ހިފެހެއްޓުމުގެ ތެރޭގައި މަތީ ހުރި އެތައް އެއްޗެއް ތިރިއަށް ފައިބައި ގަތެވެ. ޒޯހާ ކިރިޔާ އަޑެއް އިވޭއިރަށް ސިއްސައިގެންދާ ކުއްޖާ މިފަހަރު އެއިން ކަމަކާއި އަޅައިވެސް ނުލިއެވެ. ހީވާގޮތުން ޒޯހާއަށް އަޑުވެސް ނީވުނީ އެވެ.

އިޔަން ޒޯހާ އެނދުގައި ބާއްވައިލާފައި ގަމީހުގެ ދަށަށް ޖަހާފައިވާ ބައި ނައްޓާލައި ގޮށްތައް ނައްޓަން ފެށިއިރަށް ޒޯހާވެސް އެހީވިއެވެ. އިޔަންއަށްވުރެ ބޮޑަށް ޒޯހާ އެކަމަށް ބޭނުންވެފައިހެން ހީވި ވަގުތުކޮޅަކީ އެއީއެވެ. ދާދި ދެންމެއަކާއި ޖެހޭންދެން ލަދުން އުޅުނު ކުއްޖާ ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ޖަޒްބާތުގެ އޮއިގައި ގަދައަށް ޖެހުމުން އެހެން ކަމަކާއި ވިސްނައިލާނެ ފުރުސަތެއް ނުލިބުނީ ކަމަށްވެސް ވެދާނެއެވެ. އިޔަންގެ ކޮންމެ އަމަލަކަށް ޒޯހާ އެންމެ މަތީ ދަރަޖައަށް ކިޔަމަންވިއެވެ. އެކަމަކު އޭނާ ނުތަނަވަސްވި ވަގުތުކޮޅެއްވެސް އައެވެ. ބަދަލުގައި އިޔަން ދެއްކި އޯގާތެރިކަމާއި ކުލުނަކުން ޒޯހާގެ ހިތް ފުރިގެންއައެވެ. އެތައް ފަހަރަކު "އައި ލަވް ޔޫ" މިބަސް ޒޯހާގެ އަނގައިން ބޭރުވިއެވެ. އުފާވެރިކަމުގެ މުތީތައް އެރީތި ލޮލުގެ ކަޅުކަން ގަދަކޮށްލާފައި ކޯތާފަތް މައްޗަށް ފޭބިއެވެ. އުއްބައްތީގެ ހުޅުކޮޅުތައް ބޮޑުވެ އޭގެ އަލިކަން ގާތްގަނޑަކަށް ނެތި ދިއުމާއި ހަމައަށް ދެޒުވާނުންގެ ހަރަކާތްތެރި ހިޔަނި ފާރަށް އެޅިފައި ހުއްޓެވެ. އެ ހުޅުކޮޅުތައް ނިވި ދުވާލުގެ އަލިކަން ދުނިޔެއަށް ފޯރިއިރު އިޔަން އޮތީ އެންމެ ގަދަ ނިދީގައެވެ.
*********

އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެ މައްޗަށް ފެތުރިގެންފިއެވެ. ހެނދުނުގެ އެންމެ ތާޒާ ވައިރޯޅިތައް ފަޒާގައި ދަތުރު ކުރަމުން ދިޔައެވެ. ޒޯހާ ދޮރުފޮތިގަނޑު ކަހާލައިގެން ބޭރުބަލަން ހުރީ ކުޑަދޮރު ކައިރީގައެވެ. ވިހުރާލެވިފައިވާ އެއިސްތަށިގަނޑާއި މޫނުގައި ލުއި ވައިރޯޅިތައް ބީހެމުން ދިޔައެވެ. ދޮންމޫނަށް އިރުގެ ދޯދިތައް އެޅިފައިވާ ގޮތުން ރީތިކަން އިތުރުވެފައި ވެއެވެ. ޒޯހާގެ މެއާއި ހިސާބުން އެހަށިގަނޑުގައި އޮޅާލެވިފައިވާ ހުދު ބްލޭންކެޓް ތިރިއަށް ދިޔަނުދީ އެއްއަތުން ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތުގައި އޮތީ ރަތް ފިނިފެންމަލެކެވެ. ކޮޓަރި ތެރޭގައި ދިއްލާފައިވާ އުއްބައްތިތައް ވިރި ހުސްވެފައިވާއިރު އަދިވެސް އޭގެ ތާޒާވަސް މާހައުލުގައި ހިފާފައި ހުއްޓެވެ. ތަންކޮޅެއް ދުރުގައި އިޔަން އޮތީ ގަދަ ނިދީގައެވެ. ޒޯހާ ފިނިފެންމަލުން ވަސް ބަލާލައިފައި އެނބުރި އިޔަންއަށް ބަލައިލިއެވެ. އެތުނި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ ފަދައިން އެސްފިޔަތައްވެސް ތިރިވިއެވެ. ޒޯހާ ތުންފަތުގައި ދަތް އަޅާލައިފައި ކުދި ފިޔަވަޅުތަކެއްގައި އެނދާއި ދިމާއަށް ދިޔައިރު ފައިދަށުގައި ދެމީހުންގެ އަންނައުނާއި އިތުރަށްވެސް އެތައް އެއްޗެއް އުކާލެވިފައި އޮތެވެ.

ޒޯހާ ގޮސް އެނދުގެ ހުސް ފަރާތުގައި އޮށޯވެލައިފައި އިޔަން އާއި ވީ ފަރާތަށް އެނބުރުނެވެ. ނިދީގައި ހިރުވައިލާފައި އިޔަން އަތް އަޅުވައިލީ ޒޯހާގެ އުނަގަނޑުގައެވެ. ދެން ކުއްލިއަކަށް ހޭވަނިވެގެން ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވައިލާފައި އަދިވެސް ބޮޑަށް ޒޯހާ ކައިރިކޮށްލައިފި އެވެ. "މޯނިން!" ޒޯހާ އިޔަންގެ ކަންފަތްދޮށުގައި ބުނެލިއެވެ. އިޔަން "ހޫމ" އަޅުވާލައިފައި އަނެއްކާވެސް ލޯ މަރައިފިއެވެ. "ނުނިދަންތަ؟" އިރުކޮޅަކުން އިޔަން ބުނެލި އަޑު އިވުނެވެ. "ނުނިދުނު. އެނޫނަސް ނިދާނެ ވަގުތެއްވެސް ނެތް." ޒޯހާ އެސްފިޔަޖަހާނުލައި އިޔަންގެ ރީތި މޫނަށް ބަލަމުން ދިޔައެވެ. "ކީއްވެ ނުނިދުނީ؟" އަނެއްކާވެސް އިޔަންގެ އަޑެވެ. "އަޅެ އިޔަން ބުނެބަލަ އާ ޔޫ ހެޕީ؟" ޒޯހާގެ ހިތަށް އުދަނގޫ ކުރަމުން ދިޔަ ސުވާލު ހުށައަޅައިލި އެވެ. "ކޮންކަމަކާ؟" އިޔަން އަދިވެސް އޮތީ ލޯމެރި ގޮތަށެވެ. "އެބައުޓް ލާސްޓް ނައިޓް؟ އެބައުޓް މީ؟" ޒޯހާގެ ވާހަކަ އިވިގެން އިޔަން ކުއްލި އަކަށް ލޯ ހުޅުވައިލި އެވެ.

"އޮފްކޯސް ބޭބީ. ޔޫ ވަ ގްރޭޓް. އެހެންނޫނަސް އެއްވެސް މީހަކު ފުރަތަމަ ފަހަރުން އެކްސްޕާޓް އަކަށް ނުވާނެ." އިޔަން ތެދުވެފައި ބާލީހުގައި ލަތްގަނެލިއެވެ. ޒޯހާ އިޔަންގެ މޫނަށް ބަލައިލާފައި ބާލީހުގެ ކަނާއި ކުޅެން ފެށިއެވެ. އެމޫނުން އަދިވެސް ކަންބޮޑުވުން ފައުޅުވެއެވެ. "އާދެބަލަ މިކޮޅަށް!" އިޔަން ޒޯހާގެ އަތަށް ދަމައިލުމުން ތެދުވެފައި އިޔަންގެ ކައިރިއަށް މައްޗަށް ޖެހިލިއެވެ. "އައި ލަވް ޔޫ ޒޯހާ." އިޔަން އެހެން ބުނެލީ ޒޯހާއަށް ޔަޤީންކޮށްދޭން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ. "އަހަންނަށް އިނގޭ އިޔަން. އަހަރެން ގަބޫލުކުރަން." ޒޯހާ ޖަވާބުދިނެވެ. "ދެން ކޮންކަމަކާ ކަންބޮޑުވަނީ ދޫންޏާ." އިޔަން ޒޯހާގެ ނޭފަތުގައި ހިފައިލާފައި ހީލިއެވެ.

"ތޭންކްސް ބޭބީ." ޒޯހާ އުފާވެގެން އިޔަންގެ ކޮލުގައި ބޮސްދިނެވެ. "މްމްމމ....ހިއަރ!" އިޔަން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލާފައި އެއް ލޯ މަރައިލި އެވެ. ޒޯހާ ރަކިވެގެން އަނެއްފަރާތަށް އެނބުރިގަތް ނަމަވެސް އިޔަން އަތުގައި ހިފައި ހުއްޓުވާފައި އެއިސްތަށިގަނޑަށް އިނގިލިތައް މަހާލައިގެން މޫނާއި ކައިރިކޮށްލި އެވެ. ނޭވާ ލެވޭވަރު ވުމުން ޒޯހާ އިޔަންގެ މޭގައި އަތް އަޅާ ކޮށްޕައިލާފައި ތެދުވެގެން ދުވީ ފާޚާނާ އާއި ދިމާއަށެވެ. އިޔަންއަށް ފެނުނީ ޒޯހާ ފާޚާނާއަށް ދެމިގަތްތަނުން ހަށިގަނޑުގައި އޮޅާފައި އޮތް ބްލޭންކެޓް މުށިގަނޑު މައްޗަށް ތިރިވިތަނެވެ.

އިޔަން އެނދުން ތެދުވެފައި ޒޯހާއަށް ނީވޭނެހެން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ވަންއިރު ޒޯހާ ފާޚާނާ ތެރޭގައި ހުންނަ އެތެރެފެންނަ ގޮޅީގައި ސްޓީމް ޖައްސައިގެން ހުއްޓެވެ. އެވަގުތު އިޔަން ފެނިފައި އަނގަ ހުޅުވުނު ކުއްޖާ އަވަހަށް ތެޅިގެންފައި އެތަނުން ނިކުމެގެން ގޮސް އެރުނީ ބިލިގާއަށެވެ. އުއްތައް ވިރި ހުސްވެފައިވާ ރަތް އުއްބައްތިތައް ބިލިގާގެ ކުރީކޮޅުގައި ގިނަ އަދަދަކަށް ހުއްޓެވެ. ޒޯހާ ފިނިފެންމާ ފިޔަތަކު ތެރޭގައި ހަށިގަނޑު ފޮރުވާލައިގެން އިންއިރު އެމޫނުގެ ކުލަވެސް ފިޔަތަކުގެ ކުލަ އާއި ތަފާތެއް ނެތެވެ. "އަދިވެސް ލަދުގަނޭތަ؟" އިޔަން ހެވިފައި ހުރެގެން ގޮސް ކައިރިއަށް ހުއްޓުނެވެ. "ބޮޑުފިރިހެނަކު ނޭކެޑްކޮށް އައިސް ކުރިމައްޗަށް ހުއްޓުނީމަ ލަދުގަންނާނެއްނު" ޒޯހާ އިނީ އިސްޖަހައިގެންނެވެ. "އޫޕްސް." އިޔަންއަށް މަޖާވެގެން އަޑެއް ލައްވައިލިއެވެ.

ޒޯހާ ލަދުގަތީ އަމިއްލަ ހަށިގަނޑާއި ހެދި ނޫންކަމުގައި ދައްކާލި އެއީ އެކްޓެއްކަން އިޔަންއަށް އެނގެއެވެ. އިޔަން ބަލަން ހުރެލާފައި ކުއްލިއަކަށް ބިލިގާގެ އަނެއްކޮޅަށް އެރި އިށީންނުމުން ޒޯހާ ސިއްސައިގެން ގޮއްސައި ފެން ވިއްސަން ފެށިއެވެ. ދެޒުވާނުންގެ ހުނުމުގެ އަޑާއި ފެނުގެ އަޑު އިރުގަނޑެއް ވާންދެން އިވިފައި ދެން ހިމޭންވެއްޖެއެވެ.

ފެންވަރާލައިގެން ނިކުމެ ދެޒުވާނުން ކޮފީ ބޯން ތިބީ ގޭގެ ބެލްކަނީގައެވެ. ޒޯހާ ލައިގެން ހުރި ރީނދޫ ސްވެޓަރާއި ފެހި ސޯޓްކޮޅުގައި ރީތިކަމުން ބަލާ ފޫހިނުވާ ގޮތެއް ހުއްޓެވެ. އެމޫނުގެ ވިދުން ގަދަވެ ދެކޮލަށްވެސް ޖަންބު ކުލަ އަރާފައި ވެއެވެ. ވިހުރާލެވިފައިވާ ފަންއިސްތަށިގަނޑުގައި ހިސާބަކަށް ފެނުގެ އަސަރު ހުރުމުން އޮތީ ހިމޭންވެފައެވެ. އިޔަން ހުދު ކުލައިގެ ތުނި ގަމީހަކާއި ސޯޓެއްގައި މޫސުމީ ކުލަ ހުރެފައި މޫނުވެސް ޒޯހާ ފަދައިން ވިދުން ގަދައެވެ. އެތައް ދުވަހެއް ވީ ހުވަފެން ކާމިޔާބު ވުމުން ދެ ހިތް ވެސް ވަނީ އިންތިހާއަށް އުފާވެފައެވެ.

އިރުކޮޅަކުން ގޭގެ ބެލް ޖަހާއަޑަށް އިޔަން ދިޔައިރު ނަވަލް ހުއްޓެވެ. "ވަރަށް ސޮރީ އުދަނގޫ ކުރެވުނީމަ. އެކަމަކު ލިބުނު އުފާވެރި ޚަބަރު ސިއްރު ކޮށްލައިގެން ނުހުރެވުނީ." ނަވަލް އެތެރެއަށް ވަދެފައި އުފަލާއެކު ވާހަކަދެއްކިއެވެ. "ކޮން ޚަބަރެއް؟" ފަހަތުގައި ޒޯހާ ހުރެފައި ސުވާލު ކޮށްލިއެވެ. ނަވަލް އެއްލޯ މަރައިލާފައި އިޔަންއަށް ދިއްކޮށްލީ ބަންދު ކޮށްފައި އޮތް ސިޓީ އުރައެކެވެ. "އޯ މައި ގޯޑް...." ސިޓީގައި އޮތް ލިއުން ފެނިފައި އިޔަންއަށް ބުނެވުނެވެ. "ކިހިނެއްވީ އިޔަން؟" ޒޯހާ އަތުގައި ހުރި ކޮފީ ތަށި މޭޒުމަތީ ބަހައްޓާފައި އަވަހަށް އައެވެ. "މާދަމާއިން ފެށިގެން އަހަރެން ވަޒީފާއަށް ދާންވީ. ޒޯހާ އަހަންނަށް ޖޮބް ލިބުނީ." އިޔަން އުފާވެގެން ޒޯހާގެ ދެކޮނޑުގައި ހިފާފައި ގެނެސް ބައްދައިލިއެވެ. "އަހަންނަކަށް ނުވިސްނުނު." ޒޯހާ ހައިރާންވި ވަރަށް ނަވަލް ހުރުމުން ލަދުވެސް ގަތެވެ.

"މައިކަލްމެން ފެމެލީގެ ހުންނާނެ ޕްރައިވެޓް ހޮސްޕިޓަލެއް އެއް. އެތަނުން. ޒޯހާ އަހަރެން މިކޮޅަށް އައިސް ދުވަސްކޮޅެއް ފަހުން އެތަނުން އިތުރަށް ޑޮކްޓަރުން ބޭނުންވެގެން އިއުލާން ކުރަން އުޅޭ ވާހަކަ މައިކަލް ބުނީ. އެހެންވެ އަހަރެން އެޕްލައި ކުރީ." އިޔަން ކިޔައިދިނެވެ. "ވާހ...ގްރޭޓް." ޒޯހާގެ ތުންފަތުގައި ހިނިތުންވުން ނަށައިލީ އެހިސާބުންނެވެ.

އިޔަން ވަޒީފާއަށް ދާން ފެށުމުން ޒޯހާ އިންނަނީ ގޭގައެވެ. ކިޔަމަންތެރި އަންބެއްހެން އިޔަން އަންނަ ގަޑިއަށް ޒޯހާ އިންތިޒާރު ކުރެއެވެ. އައިސް ގެއަށް ވަނުމުން ފުރަތަމަވެސް ބައްދައިލާފައި ނުހަނު ލޯބިން މަރުހަބާ ކިޔައެވެ. ހައިވެފައި ހުރެގެން އިޔަން އައިސް ބަދިގެއަށް ވަންނައިރު ޒޯހާ ކައްކާފައި ހުންނަ މީރު ކާނާގެ ވަހުން އިތުރަށް ހައިކަން އިހްސާސްވެއެވެ. މައިކަލް އާއި ނަވަލްވެސް ކޮންމެ ހަފްތާ ބަންދެއްގައިހެން ޕްރޮގްރާމްތައް ރާވައިގެން އެގެއަށް އައިސް ހަތަރު މީހުން މަޖާ ކުރެއެވެ. އިޔަންގެ ފަރާތުން ލިބެމުން ދިޔަ ނިމުމެއް ނެތް ލޯއްބާއި ގާތް އެކުވެރީންގެ ސިފައިގައި ލިބިފައިވާ އިޔަންގެ ދެއެކުވެރީން ތިއްބާވެސް ޒޯހާއަށް އުނިކަމެއް އިހްސާސް ކުރެވެން ފެށީ ގޭގައި އެކަނި ވާ ވަގުތު ގިނަ ވާން ފެށުމުންނެވެ. އާއިލާ އާއި އުޅެ ބޮޑުވި ގޭގެ ހަނދާންތަކުން ޒޯހާގެ ހިތަށް އުދަނގޫ ކުރަން ފެށުމުން ސިއްރު ސިއްރުން ރޯލެވޭ ވަގުތުތައްވެސް އާދެއެވެ.

އެއީ ނޮވެމްބަރު މަހުގެ ފުރަތަމަ ކޮޅެވެ. އިޔަން އާދައިގެ މަތީން ޑިއުޓީ ނިންމާފައި ގެއަށް އައެވެ. އިޔަން ކާރުން ފައިބާފައި ބަހާރު މޫސުމުގެ ސަބަބުން ފެހިކަން ގަދަވެފައިވާ ވިނަގަނޑު މަތީން ހިނގާފައި ދޮރާއި ދިމާއަށް ދިޔައެވެ. ބޮނޑި ބޮނޑިއަށް ހެދިފައިވާ ހުރިހާ ގަސްތަކެއްގައި ކުލަ ކުލައިގެ މާތައް ފޮޅި ބަރާވެފައި ވެއެވެ. ޚުދު އިޔަންގެ ހިތަށްވެސް އެމަންޒަރުން އުފާވެރިކަން ގެނެސްދިނެވެ. ޒޯހާއަށް އަދި ކިހާ ވަރެއް ވާނެ ހެއްޔެވެ؟ މަލެއް ފެނިއްޖެއްޔާ ހުންނާނީ މޮޔަވެފައެވެ. ސެޕްޓެމްބަރ މަހު ބަހާރު މޫސުން ފެށުނު ފަހުންވެސް ޒޯހާ އެތައް ވައްތަރެއްގެ މާގަސްތައް ހޯދައިގެން ގެނެސް ގޯތިތެރޭގައި އިންދައިފިއެވެ. ބައެއް ގަސްތައް ހެދި މިހާރު މާވެސް އެޅީއެވެ.

އިޔަން ލުއި ހިނިތުންވުމަކާއެކު ގޮސް ބެލް ޖަހައިލައިގެން ހުއްޓެވެ. މިނިޓެއްހާއިރު ފަހުން ޒޯހާ އަންނަ އަޑު ނީވުމުން އިޔަން ދެވަނަ ފަހަރަށްވެސް ބެލް ޖެހިއެވެ. އިޔަން ކަންބޮޑުވީ އެހިސާބުންނެވެ. އެތެރެއިން މީހަކު އުޅޭ ކަމުގެ އިޝާރާތެއް ނައުމުން އިޔަން ދަބަހުން ތަޅުދަނޑި ނަގައިގެން ދޮރު ހުޅުވިއެވެ. ފުރަތަމަވެސް ބާރު ބާރަށް ޒޯހާއޭ ގޮވައިލެވުނެވެ. އިޔަން ދަބަސް ސޯފާއަށް ދޫކޮށްލާފައި ގޭގެ ހުރިހާ ކޮޓަރިއެއް ބެލިއިރު އެއްވެސް ތަނެއްގައި ޒޯހާއެއް ނެތެވެ. "ޒޯހާ! ކޮބައިބާ؟" އިޔަން އެނބުރި އައިސް ސިޓިންރޫމްގައި ހުއްޓިފައި ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
(ނުނިމޭ)