މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދޭތެރޭގައި ރައްޔިތުން ކުރާ އުންމީދު "ދިވެހިންގެ އުންމީދު" މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރައްމިއްޔާތެއްގައި ގައުމީ ޓީމާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިއްސާވާގޮތަށް ތައްޔާރު ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައިވާ "ދިވެހިންގެ އުންމީދު" ލިޔުމުގައި ކޮންމެ ރަށަކުން މަންދޫބަކު ސޮއިކުރުމަށްފަހު އެ ލިޔުންތައް އަތޮޅުތައް ވަކިވަކިން އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދާ ހާވާލުކުރުމުން އެލިޔުންތައް ރައްޔިތުންގެ ފަރާތުން ގައުމީ ޓީމުގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު)އާއި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އެވެ.

"ދިވެހި ގައުމީ ފުޓްބޯޅަ ޓީމަކީ ދިވެހިންގެ ފަހުރެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި ރާއްޖެއަށް ގެނެސްދިނުން ވެފައި ވަނީ، ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށްޓަކައި ދިވެހިންގެ ހިތްތަކުގައި މާ މަތިވެރި އިތުބާރަކާއި ލޯތްބެއް އުފެދިގެންދިޔަ ކަމަކަށެވެ." ދިވެހިންގެ އުންމީދުގެ ނަމުގައި މިއަދު ގައުމީ ޓީމާ ހަވާލުކުރި ލިޔުމުގައިވެ އެވެ.

ރައްޔިތުންގެ ނަމުގައި ތައްޔާރުކުރެވިފައިވާ އެ ލިޔުމުގައި ވަނީ، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލަށްދާ ރާއްޖޭގެ ގައުމީ ޓީމަކީ، ރާއްޖެއިން މިވަގުތު ނެގެން އޮތް އެންމެ ވަރުގަދަ ޓީމުކަމުގައި ހުރިހާ ދިވެހިން ވެސް ހެޔޮހިތުން ގަބޫލުކުރާ ކަމަށާއި އަދި ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ރާއްޖޭގެ ޓީމުގައި ތިބިކަމީ، ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ކޯޗުގެ އިރުޝާދުގެ ދަށުން، މުބާރާތުގައި އާދަޔާ ހިލާފު ރީތި، މޮޅު ކުޅުމެއް ކުޅެ، މާތްﷲގެ ވާގިފުޅާއެކު މުބާރާތުގެ ތަށި ގެންނަ ޓީމަކީ ދިވެހި ގައުމީ ޓީމުކަމަށްވުމީ، އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ވެސް އުންމީދުކަމުގައި ދަންނަވަމެވެ. އަދި ދުނިޔޭގެ އެންމެ އުސް ފަރުބަދަ ހިމެނޭ ނޭޕާލްގައި، އެންމެ އުހުގައި ވިހުރުވޭ ދިދައަކީ، ދުނިޔޭގެ އެންމެ ތިރި ޖަޒީރާ ގައުމު ރަމްޒުކޮށްދޭ، ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިވެހި ގައުމީ ދިދަ ކަމުގައި ހެދުމަށް ހުރިހާ ކުޅުންތެރިން ވެސް ގަދައަޅައި މަސައްކަތް ކޮށްދިނުމަކީ، ހުރިހާ ދިވެހިންގެ ވެސް އެންމެ ބޮޑު އެދުމެވެ." ދިވެހިންގެ އުންމީދުގައިވެ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް ވިދާޅުވީ މިފަހަރުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ބެހިފައިވާ ގޮތުންނާއި ސަރަހައްދުގެ ޓީމުތައް ތައްޔާރުފެއިވާ ގޮތަށް ބަލާއިރުގައި އަދި ރާއްޖޭގެ ޓީމުގެ ތައްޔާރީތަކަށް ބައްލަވާފައި، ރާއްޖޭގެ ޓީމަކީ މިފަހަރުގެ މުބާރާތައް އެންމެ ވަރުގަދައަށް ތައްޔާރުވެފައިވާ ޓީމު ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށާއި އަދި މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ﷲގެ ރަހްމަތްފުޅުން އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ޓީމު ފައިނަލްގައި ކުޅެ، އަޅުގަނޑުމެންގެ ޓީމަށް މިފަހަރުގެ މުބާރާތުގެ ތަށި ލިބުން،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ގައުމީ ޓީމް މުބާރާތަށް ވާންޖެހޭ ހުރިހާ ތައްޔާރުތަކެއް ވަމުންދާ ކަމަށާއި، އަދި ގައުމީ ޓީމަށް ރައްޔިތުންގެ ފަރާތުން އެކި ގޮތްގޮތުން އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ތަނަވަސް ވެފައިވާ ކަމަށެވެ.

މިއަދުގެ އެ ރަސްމިއްޔާތަށްފަހު، އެތަނަށް ހާޒިރުވި ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށް ވެސް ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމާއި އަދި އެކުގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތުވަނީ ދީފަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން އެތަނަށް ހާޒިރުވި ކުދިންނާ ބައިވެރިވެގެން ދަނޑުމަތީގައި ފުޓްބޯޅައިގެ ހުނަރުތައް ދައްކާ ހަދާފައިވެ އެވެ.