ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އައި ބަދަލާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލި އިރު ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމެޓީގެ ތެރެއިން ނުވަ ކޮމެޓީއެއްގެ ފަސް ގޮނޑީ އެމްޑީޕީ އަށް ލިބި އަދި ނުވަ ކޮމެޓީ އެއްގެ ތިން ގޮނޑި ޕީޕީއެމް އަށް ލިބިއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ޕާލެމެންޓްރީ ގްރޫޕް ލީޑަރުންގެ މަޝްވަރާގެ މަތިން އަލުން އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 12 ކޮމެޓީގެ ތެރެއިން ނުވަ ކޮމެޓީއެއްގެ ފަސް ގޮނޑި އެމްޑީޕީ އަށް ލިބޭ އިރު ތިން ކޮމެޓީއަކުން ހަތަރު ގޮނޑި އެ ޕާޓީ އަށް ލިބެ އެވެ. އިދިކޮޅު ޕީޕީއެމް އަށް ދާއިމީ 12 ކޮމެޓީގެ ތެރެއިން ނުވަ ކޮމެޓީ އަކުން ތިން ގޮނޑި ލިބޭއިރު ތިން ކޮމެޓީއަކުން ދެ ގޮނޑި ލިބެއެވެ.

ރައްޔިތުންގެ ނަޖިލީހުގައި 10 ގޮނޑި ތަމްސީލްކުރާ ޑީއާރްޕީ އަށް ހަ ކޮމެޓީއަކުން ދެ ގޮނޑި ލިބިފައިވާ އިރު ފަސް ކޮމެޓީއަކުން އެއް ގޮނޑި ލިބިފައިވެ އެވެ. މަޖިލީހުގައި ހަތަރު ގޮނޑި ތަމްސީލްކުރާ ޖުމްހޫރީ ޕާޓީ އަށް ހަތް ކޮމެޓީއަކުން ލިބިފައި ވަނީ އެއް ގޮނޑި އެވެ. މަޖިލީހުގައި އެއް ގޮނޑި ތަމްސީލްކުރާ ގައުމީ ޕާޓީ އަށް ލިބިފައި ވަނީ ދެ ކޮމެޓީއަކުން އެއް ގޮނޑިއެވެ. އަދި މިނިވަން 10 މެންބަރުންނަށް 10 ކޮމެޓީއަކުން އެއް ގޮނޑި ލިބިފައިވާ އިރު ތިން ކޮމެޓީއަކުން ދެ ގޮނޑި ލިބިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލި އިރު ގާނޫނު އަސާސީގެ ދަށުން އެކުލަވާލަން ޖެހޭ 241 ކޮމެޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ މެންބަރަކާއި ޖުމްހޫރީގެ މެންބަރަކާއި ގައުމީ ޕާޓީގެ މެންބަރެކެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ މެންބަރަކާއި ޖުމްހޫރީގެ މެންބަރަކާއި މިނިވަން މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާލެމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މެދުގައި އެންމެ ހިޔާލް ތަފާތުވި މާލިއްޔަތު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންނާއި ޖުމްހޫރީގެ މެންބަރަކާއި ގައުމީ ޕާޓީގެ މެންބަރެކެވެ.

އިގްތިސާދީ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންނާއި ޖުމްހޫރީގެ މެންބަރަކާއި މިނިވަން މެންބަރެކެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ މެންބަރަކާއި ގައުމީ ޕާޓީގެ މެންބަރެއް އަދި މިނިވަން މެންބަރެކެވެ.

ގައުމީ ތަރައްގީގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ މެންބަރަކާއި ޖުމްހޫރީގެ މެންބަރަކާއި މިނިވަން ދެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބްދާރީ ކުރުވާ ކޮމެޓީގެ މެޖޯރިޓީ ވަނީ އެމްޑީޕީ އަސް ދީފަ އެވެ. އެގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަ މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ މެންބަރަކާއި މިނިވަން މެންބަރެކެވެ.

އިޖްތިމާއީ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންނާއި ޖުމްހޫރީގެ މެންބަރަކާއި މިނިވަން މެންބަރެކެވެ.

ޕެޓިޝަން ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުންނާއި ޑީއާރްޕީގެ އެއް މެމްބަރާއި މިނިވަން ތިން މެންބަރުންނެވެ. ސުލޫކު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ އެއް މެންބަރަކާއި މިނިވަން ދެ މެންބަރުންނެވެ.

އިމްތިޔާޒް ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމްގެ ތިން މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންނާ މިނިވަން އެއް މެންބަރެކެވެ.

ގަވާއިދު ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ ދެ މެމްބަރުންނާއި ޑީއާރްޕީގެ ދެ މެމްބަރުންނާއި ޖުމްހޫރީގެ މެންބަރަކާއި މިނިވަން ދެ މެންބަރުންނެވެ.