14 Aug 2013, 17:04
ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭ ލިޔުންތައް ހުށަހެޅުމަށް އަންގާފައި ވަނިކޮށް އެ ލިޔުންތައް ހުށަނާޅައި އެ މައްސަލަ ލަސްވެގެންދަނީ ކޯޓުގެ ސަބަބުން ކަމަށް ބުނުމަކީ "ވަފާތެރިގޮތެއް ކަމަށް ބެލުމަކީ ދުރުގޮތެއް" ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ.
"ފަތްތޫރަ ހިންގުން 2" މި ނަމުގައި ސިވިލް ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަދާނުކުރެވި އޮތް ތިމާގެ ޒިންމާ ވަންހަނާ ކުރުމުގެ ގޮތުން އާންމުންނަށް އެނޫން ގޮތެއް ވިސްނައި ދިނުމުގެ ގޮތުން ކަން އޮތް ގޮތް ފޮރުވިދާގޮތަށް "ކޯޓު ނުބައިމީސްކޮށް ކޯޓަށް ގޮވެލިތަށްގޮވާ ހަދާ ނަމަ" އެކަންއެކުރެވެނީ ވަފާތެރިގޮތެއް ކަމަށް ބެލުމަކީ ދުރުގޮތެއް ކަމަށެވެ.
ސިވިލް ކޯޓުން މިހެން ބުނެފައި ވަނީ މާލޭގެ ހުނޅަގު ހާބަރު ސަރަހައްދުން އެއްވެސް ބަޔަކަށް ބީލަމުގެ އުސޫލުން ބިން ދިނުން ހުއްޓުވުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގައި ސިވިލް ކޯޓު އިހުމާލުވެފައިވާ ކަމަށް ބުނެ ބަންޑާރަ ނާއިބް އޮފީހުން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުގެ ތަސައްވަރު ގެއްލި އަދުލުއިންސާފު ގާއިމްކުރާ ފަރާތްތަކާ މެދު ދެކޭގޮތް ކިލަނބުކޮށް ފަނޑިޔާރުންގެ ހައިބަތާއި ގަދަރު ކުޑަވާގޮތަށް ވާހަކަ ދައްކައި ހެދުމަކީ ފަނޑިޔާރުންގެ ހުރުމަތަށް ޓަކައި ކުރުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
މަދަނީ މައްސަލަތަކުގައި ދައުލަތާއި އާންމުފަރުދުންނަކީ ޝަރީއަތުގެ ކުރިމަތީގައި އެއްހަމަވެގެންވާ ބައެއް ކަމަށާއި މަދަނީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓަށް ވަންނަނީ ބާރުވެރިއެއްގެ ހައިސިއްޔަތުން ނޫން ކަން ކަމަށް ވެސް ސިވިލް ކޯޓުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ މައްޗަށް ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނެކަން ވިސްނިދާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ނުވަތަ އެއްވެސް މުއައްސަސާއަކުން ވާހަކަ ދައްކައި އަމަލު ކުރުމަކީ ތަހުޒީބާއި ތަމައްދުނުގެ ގޮތުން ގައުމާއި ދައުލަތެއް ކުރިއެރުވުމަށް ހެޔޮނިޔަތެއްގައި މަސައްކަތްކުރާ ފަރާތަކުން ކުރުމަށް ނޭދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެފަދަ ކަންކަމަކީ އަދުލުއިންސާފުގެ މައްޗަށް އޮތް އިތުބާރާއި އިހްތިރާމް ކުޑަވެގެން ހިނގައިދާނެ ކަމަކަށްވާތީ އަދުލުއިންސާފު ގާއިމްކުރާ ބާރުގެ ހުރުމަތައްޓަކައި އެފަދަކަންކަން ނޮކޮށް ދޫކޮށްލުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.