ރަމްޒީ ކައިވެނީގެ ގަވައިދާ ބެހޭ ގޮތުން އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނަކީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ވަރަށް ގިނަ ކުށްތައް ހުރި ބަޔާނެއް ކަމަށާއި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ބަޔާނުން ބަރީއަވެ ވަޑައިގަންނަވާ ކަމަށް ޕާޓީގެ ރައީސް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.


ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ހުސައިން ރަޝީދު މިއަދު ވިދާޅުވީ އެޑިއުކޭޝަންގެ ތައުލީމީ ސިޔާސަތުގެ މައްޗަށާއި ރަމްޒީ ކައިވެންޏާ ބެހޭ ގަވައިދާ ގުޅިގެން ނޫސް ބަޔާނެއް ނެރުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައި އެކަމަށް ކޮމެޓީއެއް ނަގާފައިވާ ކަމަށާއި އެ ބަޔާން އެ ކޮމެޓީން ލިޔެފައިވާ އިރު ގާނޫނީ ދީނީ ކުށްތަކެއް ބައިވަރު އެބަހުރި ކަމަށެވެ.


"އެބޭފުޅުން (ކޮމެޓީން) އެ ބަޔާން އަޅުގަނޑަށް ވެސް ފޮނުވި، އެ ބަލާފައި އަޅުގަނޑު ދަންނަވާފައި އޮންނާނެ ބަޔާނުގައި ދީނީ ކުށްތަކާއި ގާނޫނީ ކުށްތަކެއް ބަހުއްޓޭ، ތިޔަ ނެރޭކަށް އަޅުގަނޑަކަށް ނުފެނެއޭ. ތިޔަ ބެފުޅުންނަށް ފެނިވަޑައި ގަންނަވަންޏާ ނެރުމަކުން އަޅުގަނޑުގެ މައްސަލައެއް ނެތޭ. އަޅުގަނޑަށް ފެންނަ ގޮތް މިއޮތީ ބުނެފައޭ،" ހުސައިން ރަޝީދު ވިދާޅުވި އެވެ.


ހުސައިން ރަޝީދު ވިދާޅުވީ އެ ބަޔާނުން އޭނާ ބަރީއަވާ ކަމަށާއި އެހެން ނަމަވެސް ޕާޓީގެ ކަންކަން ހިނގާނީ މަޝްވަރާ މަޖިލީހުގެ ގިނަ ބޭފުޅުންގެ އަޣުލަބިއްޔަތަށް ކަމަށްވާތީ އެ ބަޔާނަކީ ޕާޓީގެ ބަޔާނެއް ކަމަށެވެ.


"ޕާޓީގެ ފަރާތުން އޭތި (ބަޔާން) ނެރުނީ އަޅުގަނޑު އެހެން ބުނެފައި އޮއްވައި. އެބޭފުޅުން ދެ ދުވަހެއް ކޮށްލަފައި ބަޔާން ނެރުނީމާ އަޅުގަނޑު ލިޔުނީ އެ ބޭފުޅުންނަށް އަޅުގަނޑު ތިޔަ ކަމުން ބަރީއަވަމޭ،" ހުސައިން ރަޝީދު ވިދާޅުވި އެވެ. "ސަބަބަކީ އޭގައި އެބަހުރި ގާނޫނީ ގޮތުން ވަރަށް ގިނަ ކުށްތައް އަދި ދީނީ ގޮތުން އެއީ (ރަމްޒީ ކައިވެންޏަކީ) ހަރާން ކަމެއް ނޫން، މިހާރު އެ ކުރަނީ އަކީ އަސްލު ކައިވެންޏެއް ނޫން މަޖަލަކަށް ކުރާ ކަމެއް. އަޅުގަނޑުވެސް ދަންނަ އެއްޗެއް. ދުނިޔޭގައި ކައިވެންޏޭ ބުނީމާ ކައިވެނި ކުރާނީ ރަޖިސްޓްރީ ކޮށްގެން. ސަރުކާރު ގަބޫލުކުރާ ކައިވެނިތައް ކައިވެންޏަށް ވަނީ. އެ ނޫނީ ކައިވެންޏަކަށް ނުވާނެ މިހާރު މިކުރާ ކަމަކީ އެއްވެސް ސެޓްފިކެޓެއް ހޯދާ ކަމެއް ނޫން. އެމީހުން މަޖަލަކަށް ކުރާ ކަމެއް އެއީ. އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް މައްސަލައެއް ނޫން އެއީ."


އެހެންނަމަވެސް ހުސައިން ރަޝީދު ވިދާޅުވީ ރަމްޒީ ކައިވެނީ ގަވައިދުގައި އިސްލާހު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.


"މި ކައިވެނީގެ މައްސަލަ ޖެހުމާއެކު އަޅުގަނޑު އޮންނާނެ އަޅުގަނޑުގެ އަމިއްލަ ވެބްސައިޓްގައި އެކަހަލަ ކައިވެންޏަކީ ކޮބައި ކަމާއި އަސްލު ޣައިރު މުސްލިމުންނަށްވެސް ކައިވެނި ކޮށްދެވިދާނތޯ ނޫންތޯ ބަހުސް ކޮށ ފައި،" ހުސައިން ރަޝީދު ވިދާޅުވި އެވެ.


ކައިވެނީގެ ގަވައިދާ ބެހޭ ގޮތުން ނޮވެމްބަރު 11 ވަނަ ދުވަހު އަދލާތުން ނެރުނު ނޫސް ބަޔާނުގައި ސަރުކާރުން އިސްލާމްދީނަށް ގޮން ޖެހުމަށް ކުރަމުން އަންނަ ކަންކަން ހުއްޓައި ލުމަށާއި ހުއްޓައި ނުލާ ނަމަ  ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ.


އަދާލަތު ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ އަދާލަތުގެ ރައީސް އަދާލަތުގެ ޕާޓީގެ ބަޔާނުން ބަރިއްޔަ ވަނީ ކޮން ފަރާތެއް ދެކެ ބިރުފުޅުވަޑައިގަންނަވާތީ ކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ޕާޓީގެ ރައީސްއަކީ މަޝްވަރާ މަޖިލީހުގެ ރައީސަށްވެ، އެ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވާ ކަމަކުން ބަރިއްޔަ ވެވަޑައިގަންނަވަނީ ކީއްވެގެން ކަން ހަމަ އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.


ހުސައިން ރަޝީދު އަހުމަދަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރިއާސީ ކޮމިޝަންގެ ރައީސް ވެސް މެ އެވެ.