14 Aug 2013, 16:59
މިސްރުގެ ވެރިރަށް ގާހިރާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ގާހިރާގައި ދިވެހި ކިޔަވާ ކުދިން ދިރިއުޅޭ ސަރަހައްދަށް ފެތުރިގެން ހިނގައިދާނެތީވެ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިލްތިމާސްކޮށްފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސައީދު ވިދާޅުވީ ސަމާލުވުމަށް އިލްތިމާސްކޮށްފައި ވަނީ ގާހިރާގައި ދިވެހި ކިޔަވާ ކުދިން ތިބޭ ސަރަހައްދު ކަމަށްވާ ނަސްރު ސިޓީގެ މަސްޖިދުއް ސަލާމް ކައިރިއަށް އެއްވުމަށް މުޒާހަރާ ކުރާ ފަރާތްތަކުން މަސައްކަތްކުރާ ކަމުގެ ހަބަރުތައް ލިބިފައިވާތީވެ ކަމަށެވެ.
"މުޒާހަރާ ކުރާ މީހުން ތިބީ ރާބިއާ އަދަވިއްޔާ ސަރަހައްދުގައި. އެތަނުން މުޒަހަރާ ރޫޅާލުމުން މިހާރު އެއްވާން އުޅެނީ މަސްޖިދުއް ސަލާމް ކައިރިއަށް. އެމިސްކިތަކީ ދިވެހި ކިޔަވާ ކުދިން އުޅޭ ސަރަހައްދާ 100 އެއްހާ މީޓަރު ދުރުގައި ހުންނަ މިސްކިތެއް." ހަސަން ސައީދު ވިދާޅުވި އެވެ.
ހަސަން ސައީދު ވިދާޅުވީ މިސްރުގައި ކިޔަވާ ދިވެހި ކުދިންގެ ޖަމިއްޔާގެ ނައިބު ރައީސް މެދުވެރިކޮށް، މަގުމަތީގައި އުޅޭ އުޅުމުގައި ސަމާލުވުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ ދިވެހި އެމްބަސީ އިން މިސްރުގެ ހާލަތު މެދުކެނޑުމެއް ނެތި މޮނީޓަރުކުރަމުންދާ ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ޔޫއޭއީގައި ހުންނަ އެމްބަސީއަށް އެމައުލޫމާތު ދިނުމަށް އެދިލައްވާ ކަމަށެވެ.
މިކަމަށްޓަކައި ފޮރިން މިނިސްޓްރީއިން ވަނީ ހާއްސަ ހޮޓްލައިނެއްވެސް ގާއިމްކޮށްފަ އެވެ. އެހޮޓްލައިންގެ ނަމްބަރަކީ 7794601 އެވެ.
ހަސަން ސައީދު އިތުރަށް ވިދާޅުވީ މިސްރުގެ ހާލަތާ ބެހޭ ގޮތުން މިހާރު ޗުއްޓީގައި ރާއްޖެ އައިސް އުޅޭ މިސްރުގައި ކިޔަވަމުންދާ ދިވެހިންނާ އެކު މާދަމާ ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިސްރުގެ ހާލަތު ގޯސްވެފައި ވަނީ 2011 ވަނަ އަހަރު އެގައުމުގެ އޭރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ބަދަލުވުމަށް ފަހު މިސްރުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެގެން ދިއުމުން ނެވެ. ހުސްނީ މުބާރަކުގެ ވެރިކަން ބަދަލުވުމާއެކު ހިނގި ހަމަނުޖެހުންތައް ހޫނުވުމުން، އޭރު މިސްރުގައި ތިބި ހުރިހާ ކުދިން ޗާޓަރު ފްލައިޓެއްގައި އަނބުރާ ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ.
މިސްރުގެ ރައީސް މުހައްމަދު މޫރުސީ މަގާމުން ދުރުކޮށް، އެގައުމުގެ އަސްކަރިއްޔާއިން ވެރިކަން ވައްޓާލުމާ ގުޅިގެން މިސްރުގައި ކުރަމުންދާ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެފައި ވަނީ މިއަދު މިސްރުގެ ސިފައިން އިދިކޮޅު ކޭމްޕުތައް ރޫޅާލުމުން ނެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މިސްރުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެ އެވެ.