14 Aug 2013, 16:39
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މެލޭޝިޔާގެ ނެކްސްބިޒްއާ އެކު ވެފައިވާ އެއްބަސްވުން އުވާލާ، 14 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށް ބުނާ މައްސަލާގައި ނެކްސްބިޒްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނެކްސްބިޒްގެ ރާއްޖޭގެ ގާނޫނީ ވަކީލުން ކަމަށްވާ ސުއޫދު އެންޑް އަންވަރު ކޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނެކްސްބިޒްގެ މައްސަލާގައި ދިވެހި ސަރުކާރުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށެވެ.
ނެކްސްބިޒްއިން ބުނީ މިމައްސަލާގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރާއްޖޭގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދައްކަވާފައިވާ ވާހަކަތައް ދިމާނުވާ ކަމަށެވެ.
މިގޮތުން އެގްރިމެންޓް އުވާލުމުގެ ސަބަބަކީ އެއެއްބަސްވުން ކުރިއަށް ގެންދިއުމުން ދިވެހި ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީވެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެފައިވާ ނަމަވެސް، އެއްބަސްވުން އުވާލުމަށް އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު މިނިސްޓަރު ނާޒިމް ނެކްސްބިޒްއަށް ފޮނުވި ނޯޓިސްގައި އެއްބަސްވުން އުވާލަނީ އެއެއްބަސްވުމަކީ "ވޮއިޑް އެބް އިނީޝިއޯ" (އުފެދުނު އިރުވެސް ބާތިލްވެފައިވާ) އެގްރިމެންޓެއް ކަމަށް ބުނެފައިވާ ކަމަށެވެ.
ނެކްސްބިޒްގެ ޕްރެސް ރިލީޒްގައި ބުނެފައި ވަނީ ދިވެހި ސަރުކާރާއި އެކުންފުންޏާ ދެމެދުވެފައިވާ އެގްރިމެންޓަކީ "ވޮއިޑް އެބް އިނީޝިއޯ" އެގްރިމެންޓެއް ކަމަށް ބުނާ ބުނުމަށް ޗެލެންޖުކުރާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށެވެ.
އަދި މިމައްސަލާގައި އެއްބަސްވުން އުވާލަނީ ސަރުކާރަށް ލިބޭ ގެއްލުން ބޮޑުވާތީވެ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ކަމަށް ވަންޏާ އެގްރިމެންޓަކީ ސައްހަ އެއްޗެއް ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ގަބޫލުކުރައްވާ ކަމަށް އެބަޔާނުގައިވެ އެވެ.