14 Aug 2013, 16:34
ސަރުކާރުން ކަނޑައަޅާ ރަށްތަކެއްގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޖީއެންއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރުން ވެސް ބައެއް މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.
ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރުން އެ ކުންފުންޏާ ހަވާލުކުރި އެއް މަސައްކަތް ތަކަކީ ހއ. ދިއްދޫގެ ފެނުގެ ނިޒާމު ގާއިމްކުރުމާއި އެ ރަށުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމެވެ. އަދި އަނެއް މަސައްކަތަކީ ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު އަހުމަދު މުއިއްޒު ވިދާޅުވީ ޖީއެންއެލްއާ މަސައްކަތް ހަވާލުކުރީ ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް ނޫން ކަމަށެވެ.
"މި މަޝްރޫއު ހިންގާނީ ރިޒޯޓެއް ތަރައްގީ ކުރާނެ ރަށެއް ކުންފުންޏަށް ރަށެއް ދޭގޮތަށް، ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ގޮތަކަށް ނޫން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެންއެލް އިންވެސްޓްމެންޓާ މިއަދު ހަވާލުކުރި މަޝްރޫއަކީ 27 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރާ މުއްދަތަކީ ދެ އަހަރު ކަމަށާއި އެއަށް ވުރެ އަވަސް ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖީއެންއެލްއި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރް އަހުމަދު ޝިޔާމެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.