14 Aug 2013, 16:23
ލަނޑާގިރާވަރު ރިސޯޓާއި ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ސަން ދެއްވި އިންޓަވިއުއެއްގައި ބ. އަތޮޅު ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު ޒާހިރު ނަސީރު ވިދާޅުވީ މަދިރި މަދުކުރުމުގެ ގޮތުން ހިންގާ އެ ޕްރޮގްރާމަކީ މުޅި ބ. އަތޮޅަށް އަމާޒުކޮށްގެން ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމު ކަމަށާއި އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ބ. އަތޮޅުގެ 13 ރަށެއްގައި އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް މިހާރު ކުރިއަށް ދަނީ އޭދަފުށީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ޕްރޮގުރާމުގައި ބައިވެރިވާ ކޮންސަލްޓެންޓުން އޭދަފުށީގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލައި ރަށު ތެރެ އެއްކޮށް ސާފުކުރާނެ ކަމަށެވެ. އަދި ކޮންމެ ގޭބިސީއަކަށް ޒިޔާރަތްކޮށް މީހުންނަށާއި ސްކޫލް ކުދިންނަށް ހޭލުންތެރިކުރުވުމަށް ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ.
މިއީ ލަނޑާގިރާވަރު ރިސޯޓުން އިސްނަގައިގެން މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރަށްވާ އިރު އެ ޕްރޮގްރާމްގައި ލަނޑާގިރާވަރުގެ މުވައްޒަފުންނާއި އެމެރިކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ 12 ކުދިންނާއި ބ. އަތޮޅު ހޮސްޕިޓަލުގެ ހެލްތު ވޯކަރުން ބައިވެރިވާ ކަމަށް މައުލޫމާތު ދިނެވެ.